މިހާރު އެމެރިކާ އާއި ދިމާލަށް މިސްރާބު ޖަހާފައިވާ ތުފާން ޑޯރިއަންގެ ބާރުގަދަކަން އިހްސާސް ކުރެވޭނީ ތުފާން އަރާ ތަނުގައި ދިރިއުޅޭ މީހުންނަށް އެކަނި ނޫން ކަމަށާއި، މި ތޫފާނުގެ ބާރުގަދަކަން ޖައްވުން ތޫފާނުގެ ތެރެއަށް ބަލައިލުމުން ހާމަވާކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ހާމަކޮށްފިއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މިވަގުތު ހުރި އެމެރިކާގެ އެސްޓްރޮނޯޓެއް އެ ފޮޓޯ ނެގުމަށް ފަހު ތޫފާނުގެ ބިރުވެރިކަން އިހްސާސް ކުރެވޭ ކަމަށް ބުނެފައި ވާއިރު، ބަހާމާސް ސުންނާފަތި ކޮށްލުމަށް ފަހު ކުރިއަށް އޮތް ގަޑިއިރުތަކު ތެރޭ މި ތޫފާން އެމެރިކާ އަށް އަރާނެއެވެ.

ގަޑިއަކު 220 މޭލު ބާރުމިނުގައި ޑޯރިއަން ބަހާމާސް އަށް އަރައި އެތައް ބައެއްގެ ގެދޮރު ނެތިކޮށްލާފައި ވާއިރު، އޭރު މި ތޫފާން ވަނީ އެންމެ ނުރައްކާތެރި ސްޓޭޖް ކަމުގައިވާ ސްޓޭޖް 5ގައި ރެކޯޑް ކުރެވިފައެވެ. އެ ގައުމުގެ 7 މީހަކު މިހައިތަނަށް މަރުވެފައި ވާއިރު 13000ށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. އެ ގައުމުގައި މުވާސަލާތީ ހިދުމަތްތަކަށް ބުރޫ އަރާފައިވާކަމުން ލިބުނު ގެއްލުން އެއްކޮށް ދެނެގަނެވޭގޮތް ވަނީ އަދި ނުވެފައެވެ.

ޑޯރިއަން އެމެރިކާގެ ފްލޮރިޑާ އާއި ކައިރިވަމުންދާއިރު، މިހާރުވެސް އެ ހިސާބަށް ބޯކޮށް ވާރޭވެހި ވައިގަދަވާން ވަނީ ފަށާފައެވެ. ނަމަވެސް، ސްޓޭޖް 5ން މި ތޫފާން މިހާރު ވަނީ ސްޓޭޖް 2ށް ވެއްޓިފައިކަން ފާހަގަކޮށްލެވެއެވެ. މޫސުމީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި މި ތުފާނުގެ ބާރު ދައްވި ނަމަވެސް، ތޫފާން ވަނީ ސައިޒުގެ ގޮތުން 50 މޭލަށް ބޮޑުވެފައެވެ. އެހެންކަމުން މީހުންގެ ފުރާނަ އަށް ނުރައްކާ ވާނެއެވެ. މިހާރުވެސް ފްލޮރިޑާގެ 7 ސަރަހަތްދަކުން މީހުން ހުސްކުރަން މަޖްބޫރު ކޮށްފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ އެމީހުންނަށް ކޭމްޕްތައް ތައްޔާރުކޮށް ކާނާ އާއި ބޯފެން ދެމުންނެވެ.

އެ ގައުމުގެ ކެރޮލީނާ އަށްވެސް މި ތޫފާން އަރާނެކަމަށް ބެލެވޭ އިރު، މީހުން އަންނަނީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    ކޮބާ ޓްރަމްޕް ބުނި ނިއުކުލިއަރ ހަތިޔާރު؟ ޢއޭގެ ބޭނުމެއް ނެތްދޯ؟ ކާފަރުންނަށް އެއްޗެއް ނުވިސްނޭތަ އަދިވެސް.

    36
    3
  2. ޓޮރަމްޕޫ

    ނިއުކްލިއާ ހަތިޔާރު އޮތީ ކިމް އަތުގަ ކަމަށް ވަނީ.. އޭތި ހޯދަން ކިމް އަށް ލޯބީގެ ސިޓީ ލިޔުމުގެ މަގުމަތީގަ...

    10