ޗިލީއަށް މިއަދު ހެނދުނު އައި ބާރުގަދަ ލޮޅުމަކާއެކު ކުދި ބިންހެލުންތައް އަންނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއަދު ރާއްޖެ ގަޑިން 10:30 ހާއިރު ބާރުގަދަ ލޮޅުމެއް އައިސްފައި ވަނީ، އެޤައުމުގެ އައްސޭރީގެ ސަރަޙައްދަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރުން ބުނާގޮތުގައި މި ލޮޅުން އެ ސަރަޙައްދަށް އައީ، ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައެވެ. މި ލޮޅުމަށްފަހު އިތުރު ކުދި ބިންހެލުންތައް އެ ސަރަޙައްދަށް އަންނަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ބިމުގެ ފަސް ކިލޯމީޓަރު އަޑިން އައި ލޮޅުމަށްފަހު ޗިލީއަށް ވަނީ ރެކްޓަރ މިންގަނޑުން 3.0 އާއި 3.5 އާއި ދެމެދުގެ ތިން ބިންހެލުމެއް އައިސްފައެވެ. މިއީ މިއަދު ހެނދުނު އައި ބާރުގަދަ ލޮޅުމަށްފަހު އަންނަމުންދާ "އާފްޓަރޝޮކް" ތަކެއް ކަމަށް އިދާރާތަކުން ބުނެއެވެ.

މިއަދު ޗިލީއަށް ބާރުގަދަ ލޮޅުންތަކާއެކު ކުދި ބިންހެލުންތައް އަންނަމުންދާއިރު، މިދިޔަ ހޯމަ ދުވަހުވެސް އެޤައުމަށް ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ލޮޅުމެއް އައިސްފައި ވެއެވެ. ކުދި ބިންހެލުންތައް ގިނަވުމަކީ، ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ދިރާސާވެރިން ބުނާއިރު، ޗިލީއަކީ ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ނުރައްކާ ބޮޑު ސަރަޙައްދުތަކުގެ ތެރޭގައި އޮންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު އެޤައުމަށް އައި ލޮޅުންތަކާއި ބިންހެލުންތަކުގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް ރިޕޯޓްކޮށްފައި ނުވާއިރު، މި ބިންހެލުންތަކާއި ގުޅިގެން އަދި ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.