ޕާކިސްތާނަށް ނިސްބަތްވާ ޓީޗަރަކު އެޤައުމުގެ ސްކޫލެއްގައި ދަރިވަރަކާއި މެދު އަނިޔާވެރިވެ އޭނާއަށް ހަމަލާދީ މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ސްކޫލެއްގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ހާފިޒް ހުނައިން ބިލާލު ނަމަކަށްކިޔާ އެކުއްޖާ އަކީ ސްކޫލުގެ ގްރޭޑު 10 އެއްގައި ކިޔަވަމުން އައި ދަރިވަރެކެވެ.

ފުލުހުންނާއި މަންޒަރުދުށް ދަރިވަރުން ބުނެފައިވާގޮތުގައި، ޓީޗަރު އެކުއްޖާއަށް ހަމަލާދިނީ އޭނާ ފިލާވަޅު ދަސް ނުކުރާ ކަމަށް ބުނެއެވެ. އެގޮތުން ހުނައިންގެ ގައިގައި ތަޅައިގަތުމަށްފަހު، އޭނާގެ ބޮލުގައި ހިފައި ފާރުގައި ބޯ ތަޅައި ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ހުނައިން މަރުވީ، މި އަނިޔާތައް ލިބުނުތާ މާގިނައިރެއް ނުވަނީސް، ކްލާސްރޫމުގެ ތެރޭގައި ކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ސްކޫލުގެ ފަރާތުން ހުނައިން ވަގުތު ހޮސްޕިޓަލަށް ގެންދިޔަނަމަވެސް، އޭނާ އޭރު އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ހުނައިންގެ މަރާއި ގުޅިގެން އިދާރާތަކުން ކުރިޔަށް ގެންދިޔަ ތަހުޤީޤަށް އެނގިފައިވަނީ، އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާގައި ކަމެވެ. މި ތަހުޤީޤު އިތުރަށް ކުރިޔަށް ގެންދިއުމަށްޓަކައި މިހާރު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓޮމޯޓަމް ހެދުމަށް މޯޗަރީއަށް ލާފައެވެ.

ހުނައިންގެ މަރާއި ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން ވަނީ، އޭނާ މަރާލި ޓީޗަރާއި، ސްކޫލާއި ދެކޮޅަށްވެސް ދަޢުވާ ކޮށްފައެވެ. އެ އާއިލާ އިން ވަނީ ޓީޗަރުގެ އިތުރުން ސްކޫލުގެ އިސް ވެރިންގެ ފަރާތުންވެސް އެނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ސްކޫލަށް ފައިސާ ނުދައްކާ ކަމަށް ބުނެވެސް ސްކޫލުގެ އިސް ފަރާތްތަކުން މީގެ ކުރިން އޭނާ އާއި "ދިމާކޮށްލާފައި" ވާއިރު، އޭނާ މަރާލީ އެ ފައިސާ ދެއްކި ދުވަހު ކަމަށް އާއިލާގެ ފަރާތުން ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ހުނައިން އާއެކު ކިޔަވަމުން ދިޔަ ދަރިވަރަކު ބުނެފައިވަނީ، ހުނައިންގެ އިތުރުން އެހެން ދަރިވަރުންނަށްވެސް ޓީޗަރު އަނިޔާކޮށް ހަދާކަމަށެވެ. އަދި އެފަދަ އަމަލުތައް ޓީޗަރު ހިންގާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. މި އަމަލު ހިންގި ޓީޗަރަކީ މީގެ ކުރިންވެސް މިފަދަ މައްސަލަ އެއްގައި ސްކޫލުގެ ވަޒީފާއިން ވަކިކޮށްފައި ހުރި މީހެކެވެ. އޭނާ އަލުން ވަޒީފާއަށް އަންނަން ފެށީ މީގެ ހަ މަސް ދުވަހުގެ ކުރިން ކަމަށް ވެއެވެ.

ހުނައިންގެ ކްލާހުގައި ކިޔަވާ އެހެން ދަރިވަރަކު ނޫސްތަކުގައި ބުނެފައިވާގޮތުގައި ހުނައިނަށް ޓީޗަރު ހަމަލާ ދިން ވަގުތު އޭނާ ނޭވާނުލެވިގެން އުޅުނު މަންޒަރުވެސް ވަނީ ފެނިފައެވެ. ނަމަވެސް ހަމަ އެވަގުތު ޓީޗަރު އޭނާގެ ބޯ، ފާރުގައި ތަޅައި އިތުރަށް އަނިޔާ ދެމުންދިޔަ ކަމަށް އެ ދަރިވަރު ބުނެފައި ވެއެވެ. އޭރު ހަމަލާ ދިނުމުގެ ސަބަބުން ހުނައިންގެ ޔުނީފޯމްވެސް ވަރަށް ބޮޑަށް ވީދައިގެން ގޮސްފައި އޮތް މަންޒަރު ފެނުނު ކަމަށް އެނާ ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ސްކޫލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ހުނައިންގެ މަރާއި ގުޅިގެން އެކަމުގައި ޝާމިލްވި ޓީޗަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުދައްރިސް

    އިސްލާމް ކިޔަވައިދޭ ކުލާހެއްގެ ޓީޗަރެއްނު؟ ކޮބާ މައްސަލައަކީ؟

    3
    19
    • ޓެޕް

      ކިޔާނެ އެއްޗެއް ނޭނގުނީ ދޯ؟

  2. ކުލާސް މީީހާ

    ކުލާހުގައި ތިބި ކުދިން މިކަން ހުުއްޓުވުމަށް މަސައްކަތް ކުރެވިދާނެ ނޫންތޯ؟

    19
  3. ބަބޫ

    ހުވާ އަހަރެން ހުރި ތަނެއްނަމަ ތީޗަރަށް ނުކެރޭނެ ތިހެން ހަދަަކަށް

    16
    1
  4. އިންސާނެއް

    މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެއް ނޫން މިއީ. ހިތައްއަރާ ކޮންކަހަލަ ޓީޗަރެއްބާއޭ...🤔