އަވައްޓެރި ސްރީލަންކާގައި ދެ ފުލުހަކަށް ބަޑިން ހަމަލާދީފިއެވެ.

މި ހަމަލާ ދީފައި ވަނީ ލަންކާގެ ދެކުނު ޕްރޮވިންސުގެ ޕަނަތުގަމާ ނަމަކަށްކިޔާ ސަރަޙައްދެއްގައި ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ނޫސްތައް ބުނާގޮތުގައި އެ ދެ ފުލުހުންނަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އެ ދެމީހުން ޒަޚަމްވެގެން މިހާރު ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންގެ ހާލާއި ބެހޭ ގޮތުން އިދާރާއަކުން އަދި މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެ ދެ ފުލުހުންނަށް ހަމަލާ ދީފައިވަނީ އެމީހުން ޑިއުޓީގައި ތިއްބައި ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ސްރީލަންކާ ފުލުހުންގެ ތަރުޖަމާނުގެ އޮފީހުން ބުނެފައިވަނީ، ހާދިސާ ހިނގީ ރޭ ދަންވަރުގެ 1:00 ހާއިރު ކަމަށެވެ. އަދި ފުލުހުން ޑިއުޓީގައި ތިއްބައި އެމީހުންނަށް ބަޑިން ހަމަލާ ދިނީ، ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މި ހަމަލާގައި އަނިޔާވި ފުލުހުންނަށް ފަރުވާދެމުން ދަނީ ލަންކާގެ މާވައްތައިގައި ހުންނަ މަތަރާ ހޮސްޕިޓަލުގައެވެ. މި ހާދިސާގެ ތަހުޤީޤެއް އިދާރާތަކުން މިހާރު ފަށާފައިވާއިރު އަދި ހާދިސާ އާއި ގުޅުންހުރި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ، ރޭ ދެ ފުލުހަކަށް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.