އަވައްޓެރި ސްރީލަންކާގައި، ޑިއުޓީގައި ހުރި ފުލުހަކު ބަހެއްގެ ދަށުވެ މަރުން ސަލާމަވްތާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މީސްމީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ، ލަންކާގެ އަވަށެއްގެ ހަތަރު އަނގޮޅިއެއްގައި ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހަކު ބަހެއްގެ ދަށުވާ މަންޒަރެވެ.

ކާރުބާރު ބޮޑު އެ ސަރަޙައްދުގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް، ކައިރިން ދިޔަ ބަހެއްގެ ކުރީކޮޅުން އެ ފުލުސްމީހާގެ ގައިގައި ޖެހި އޭނާ ބިންޗައްޗަށް ވެއްޓި ބަހުގެ ކަނައަތްފަރާތު ފުރޮޅު ދަށަށް އޭނާ ވަންނަން ދިޔަ މަންޒަރު ވެސް މި ވީޑިއޯއިން ފެނެއެވެ.

ނަމަވެސް މި ހާދިސާ ހިނގުމާއެކު ބަސް ދުއްވަން އިން މީހާ ބްރޭކް ޖައްސައި، ބަސް މަޑުކުރާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. އެއާއެކު ވެއްޓި ބަހުގެ ދަށުގައިވި ފުލުސް މީހާވެސް ތެދުވާ މަންޒަރު ވީޑިއޯގެ ނިމޭ ހިސާބުން ފެނިގެން ދެއެވެ.

މި ހާދިސާގައި އެ ފުލުސްމީހާއަށް ލިބުނު ގެއްލުމެއް އެނގިފައެއް ނުވެއެވެ. އަދި ހާދިސާގެ މަޢުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއްވެސް ނުވެއެވެ.

ލަންކާއަކީ ކޮންމެ ދުވަހެއްގައި ކަހަލަ ގޮތަކަށް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގަމުންދާ ޤައުމެކެވެ. އެޤައުމުގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ބޮޑެތި އެކްސިޑެންޓުތަކުގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރުވެއެވެ.