ޕާކިސްތާނަށް ނިސްބަތްވާ ޓީޗަރަކު އެޤައުމުގެ ސްކޫލެއްގައި ދަރިވަރަކު މަރާލި މައްސަލާގައި އޭނާގެ ކްލާސް ކުދިންތަކެއް ވެގެން ސްކޫލް އަންދާލައިފިއެވެ.

ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ސްކޫލެއްގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މަރާލާފައި ވަނީ ހާފިޒް ހުނައިން ބިލާލު ނަމަކަށްކިޔާ ކުއްޖެކެވެ. އޭނާއަކީ ސްކޫލުގެ ގްރޭޑު 10 އެއްގައި ކިޔަވަމުން އައި ދަރިވަރެކެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ދަރިވަރުންތަކެއް ޕެޓްރޯލް ބޮން ފުޅިތަކެއް ހިފައިގެން ގޮސް ސްކޫލްގެ ތެރެއަށް އުކާލާފައެވެ.

“އެކުދިންތައް ވަނީ ޕެޓްރޯލް ބޮން ފުޅިތައް އެ ކުދިންގެ ރައްޓެހި ދަރިވަރު މަރާލެވުނު ކްލާހުގެ ތެރެއަށް އުކާލާފައި.” ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަލިފާންގަނޑު ހުއްޓުވުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ސްކޫލަށް ދިޔައެވެ. ނަމަވެސް އެއިރު ސްކޫލްގެ ބޮޑު ބައެއްގައިވަނީ ރޯވެފައެވެ.

ފުލުހުން ބުނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު އެކަން ކުރި ބައެއް ދަރިވަރުންތަކެއް ވަގުތުން ވަގުތަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ނިއްވާލެވުނީ 1122 މީހުންގެ އެހީއެކުގައެވެ.

“މުޅި ސްކޫލްގައި ރޯ ނުވޭ. ބައެއް ކްލާސްރޫމް ތަކުގައި ރޯވެފައިވަނީ. ދަރިވަރުންނަށް މިފަދަ އަމަލެއް ކުރަން ބާރު ދިން ބަޔަކު ހޯދަމުން މިދަނީ.” ފުލުހުން ބުންޏެވެ.

މިހިނގާދިޔަ ހާދިސާއާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތެރި ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދިދަރިވަރު މަރާލި ޓީޗަރު ވަނީ ހައްޔަރު ކޮށްފައެވެ.

“މިކަން ކުރި ބައެއް ފަރާތްތަކުން ވަނީ ފުލުހުންނަށް ދެވުނު އިރު ތަން ދޫކޮށްފިލާފައި. ދަރިވަރު މަރާލި ޓީޗަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި.”

ޓީޗަރު އެކުއްޖާއަށް ހަމަލާދިނީ އޭނާ ފިލާވަޅު ދަސް ނުކުރާ ކަމަށް ބުނެއެވެ. ޓީޗަރު އެ ކުއްޖާގެ ގައިގައި ތަޅައިގަތުމަށްފަހު، އޭނާގެ ބޮލުގައި ހިފައި ފާރުގައި ބޯ ތަޅައި ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ވެއެވެ. ހުނައިން މަރުވީ، މި އަނިޔާތައް ލިބުނުތާ މާގިނައިރެއް ނުވަނީސް، ކްލާސްރޫމުގެ ތެރޭގައި ކަމަށް ވެއެވެ.