ބަހާމާސްގެ ތާރީހުގައިވެސް އެގައުމަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާން، ޑޯރިއަންގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ތޫފާންގެ ސަބަބުން އެ މިހާތަނަށް އެ ގައުމުގެ 13،000ށް ވުރެ ގިނަ މީހުންގެ ގެދޮރު ސުންނާފަތި ވެފައި ވާއިރު އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ތޫފާނުގެ ބާރުގަދަ ކަމުން ސަލާމަތީ ފަރާތްތަކަށާއި އެހީ ފޯރުކޮށްދިނުމަށް ނުކުންނަ ފަރާތްތަކަށްވެސް އެންމެ އެދެވޭ ގޮތެއްގައި އެކަން ވަނީ ނުކުރެވިފައެވެ.

ތޫފާން ޑޯރިއަންގެ ސަބަބުން އެގައުމުގެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެކި ގައުމުތަކުންނާއި އަމިއްލަ ފަރާތްތަކުން ދަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިއީވެސް ފާހަގަކޮށްލެވޭ އެހީއެކެވެ.

ދާދިފަހުން، މިދިޔަ ބުރާސްފަތި ދުވަހު، އެމެރިކާގެ ފްލޮރިޑާގެ ހޯލްސޭލް ވިޔަފާރިކުރާ ކޮޓްސްކޯއަށް ދިޔަ މީހަކު ނުކުމެގެން ދިޔައީ 100 ޖަނެރޭޓަރު ގަނެގެންނެވެ. އޭރު އެއީ ކޮން ބޭނުމަކު ގަތް ޖަނެރޭޓަރުތަކެއް ކަން ނޭނގުނު ނަމަވެސް މިހާރު އެތަކެތި ވަނީ ބަހާމާސްއަށް ފޮނުވާލާފައެވެ.

އޭނާ ގަތް ސާމާނުގެ ތެރޭގައި 100 ޖަނެރޭޓަރުގެ އިތުރުން ކާބޯތަކެތިވެސް ހިމެނެއެވެ. އެގޮތުން އޭނާ އެތަނުން ގަތް ސާމާނުގެ އަގު 49،285.70 ޑޮލަރު (749،569.15 ރުފިޔާ) އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި އެ އެހީ ފޯރުކޮށްދިން މީހާ ބޭނުންވަނީ ކާކުކަން ނޭނގި ދޭ އެހީއެއްގެ ގޮތުގައި އެ އެހީ ފޮނުވުމަށް ކަމަށާއި، މިވަގުތު އެންމެ މުހިއްމީ ބަހާމާސްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އެވަގުތު ކޮޓްސްކޯގައި ހުރި މީހަކުވަނީ އެމީހާގެ ފޮޓޯއެއް ނަގާފައެވެ. އެ ފޮޓޯއިން އެމީހާގެ މޫނު ނުފެނެއެވެ. ނަމަވެސް އޭނާ ގަނެފައިވާ ސާމާނުގެ ފޮޓޯވެސް ވަނީ މީޑިއާގައި އާންމުވެފައެވެ.

އެމީހާ މިތަކެތި ގަނެފައިވާ ބާހާމާސްއަށް ފޮނުވުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. އެއީ ތޫފާނުގެ ސަބަބުން އަދިވެސް އެގައުމުގެ ކަނޑުތައް ގަދަ ކަމުންނާއި މަގުތަކުގައި ގަލާއި ކުނި ހުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުޑަބަޖަރާ

    ތީހާދަ އަގުހެޔޮ ޖަނަރޭޓަރު ތަކެކޭ. 100 ޖަނަރޭޓަރާއި އަދި ކާއެއްޗިއްސަށް 50ހާސް ޑޮލަރުވެސް ނާރާ.

  2. ޓިނު ވަގު

    އެއީ 1 ކިލޯވޮޓްގެ ޖެނެރޭޓަރ ތަކެއް..

    3
    1
  3. އަހުމަދު މުހައްމަދު

    މިރާއްޖޭގައޭ އެްޗެހީގެ އަގު ނިކަމެތ ރައްޔަތުންނަށް އަތް ނުފޯރާވަރަށް އަގުބޮޑީ ދުނިޔޭގެ އެހެން ތަނަތަނާ އަޅާ ބަލާއިރު މިއީ އެއްމެ އަގު ބޮޑު އަދި އެއްމެ މުސާރަ ކުޑަ ތަން......