ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އެގައުމުގެ ހަކަތަ އާ ބެހޭ ވަޒީރު ކަމަށް ދަރިކަލުން، އަމީރު އަބްދުލް އަޒީޒު ބިން ސަލްމާން އައްޔަން ކޮށްފިއެވެ.

އަބްދުލް އަޒީޒު އަކީ ރަސްގެފާނުގެ ދަރިކަލުން އަދި ބާރުގަދަ އަމީރު މުހައްމަދު ބިން ސަލްމާންގެ ދޮށީ ބޭބެ ވެސް މެއެވެ. އެކަމަކު މުހައްމަދު ބިން ސަލްމާން އަކީ ރަސްގެފާނުގެ އެހެން އަނބިކަނބަލެއްގެ ފަަރާތުން ލިބުނު ދަރިކަލެކެވެ. މިދެބެއިންނަކީ އެހާ ގާތް ދެބެއިންނެއް ނޫނެވެ.

2016 ވަނަ އަހަރުން ފެށިގެން އެގައުމުގެ ހަކަތަ އާ ބެހޭ ވަޒީރުކަން ކުރައްވަމުން އާއި ޙާލިދު އަލް ފާލިޙް އިއްޔެ މަގާމުން ދުރުކުރުމަށްފަހު އަބްދުލް އަޒީޒަށް މި މަގާމު ދެއްވާފައި ވާއިރު ހަކަތަ އާ ބެހޭ ވުޒާރާ އަކީ ސައޫދީގެ މުޅި އިޤްތިޞާދު ކަހަލަ ގޮތަކަށް ބިނާވެފައި އޮތް ތެލުގެ ސިނާޢަތުގެ މަސައްކަތްތައް ބަލަހައްޓަން ޖެހޭ ވުޒާރާ އެވެ.

ސައޫދީ އަރަބިއްޔާ އިން މިނިންމުން ނިންމާފައި މިވަނީ އެގައުމުގެ ތެޔޮ ފީފާ އެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 60 ޑޮލަރަށްވުރެން ދަށަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ސައޫދީ އަރަބިއްޔާގެ ބަޖެޓާ އެއްވަރަކަށް ޤައުމުގެ އިޤްތިޞާދު ގެންދިއުމަށް އެގައުމުގެ ތެޔޮ ފީފާ ތަކުގެ އަގު 85-80 ޑޮލަރުގައި ހިފެހެއްޓުން މުހިއްމެވެ.

އަލް ފާލިޙް މަގާމުން ދުރުކޮށްފައި މިވަނީ އޭނާ އާއި ޝާހީ އާއިލާގެ ބައެއް މެމްބަރުންނާއި ޙިޔާލު ތަފާތުވުންތައް އެކި ކަންކަމުގައި އުފެދިފައި އޮތް ދަނޑިވަޅެއްގައެވެ. ސައޫދީ ތެޔޮ ކުންފުނި، "އަރަމްކޯ" ގެ ހިއްސާ ވިއްކުމަށް އަމީރު ސަލްމާން ކުރަމުން އައި މަސައްކަތާ އޭނާ އެއްބާރުލުން ދެއްވާފައެއް ނުވެއެވެ. ސަލްމާންގެ ވިސްނުން ހުރީ އެގައުމުގެ އިޤްތިޞާދު ހަމައެކަނި އެއްދާއިރާ އަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އިޤްތިޞާދު އެހެން ދާއިރާ ތަކަށްވެސް ހުޅުވާލުމެވެ.

އަބްދުލް އަޒީޒަކީ ސައުދީގެ ހަކަތަ އާ ބެހޭ ވަޒީރުކަން ކުރައްވާ ފުރަތަމަ އަމީރުކަން ފާހަގަކޮށްލެވެއެވެ. މި ދާއިރާގައި އޭނާގެ ތަޖުރިބާ ގިނައެވެ. 1985 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ 10 އަހަރުވަންދެން ހަކަތަ އާ ބެހޭ ވުޒާރާގެ އެޑްވައިޒަރެއްގެ ގޮތުގައި ޙިދުމަތް ކޮށްފައެވެ. 1995 ވަނަ އަހަރު ތެލާ ބެހޭ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ. އޭގެ ފަހުން 2017 ވަނަ އަހަރުން ފެށިގެން އެގައުމުގެ ހަކަތައިގެ ކަންކަމުގެ ސްޓޭޓް މިނިސްޓަރު ކަން ފުރުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު