ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވުމުން އަނބިކަނބަލުން ގްރާސް ހައްޔަރުކޮށް، އޭނާގެ މައްޗަށް ބޮޑު ތަޙްޤީޤެއް ހިންގަފާނެ ކަމުގެ ބިރު މިހާރު ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ގްރާސް މިހާރު ގެންދަވަނީ ޖަލު ބަންދުން ސަލާމަތް ވުމަށް ޒިމްބާބްވޭގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރަމުންނެވެ. ޒިމްބާބްވޭ ސަރުކާރުން ވަނީ މުގާބޭގޭ ޖަނާޒާއަށް ޒިމްބާބްވޭއަށް ވަޑައިގެންނެވި ނަމަވެސް ގްރާސް ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ގްރާސް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެއެވެ.

ނަމަވެސް މީޑިއާތަކަށް މައުލޫމާތު ދެއްވި ޒިމްބާބްވޭގެ އޮފިޝަލުން ވިދާޅުވީ ދައުލަތުގެ ފައިސާ ގްރާސް އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެއްވި މައްސަލަ ތަޙްޤީޤު ކުރުން އެކަށީގެންވާ ކަމަށެވެ.

ގްރާސްގެ އެތައް އެކައުންޓެއްގައި ޒިމްބާބްވޭ ސަރުކާރުގެ އެތައް މިލިއަން ޑޮލަރެއް އެބަހުރި ކަމަށް ތުހުމަތު ކުރެވެއެވެ.

ގްރާސް ވެސް މުގާބޭ އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ ސިންގަޕޫރުގައެވެ. މުގާބޭ މިދިޔަ ހުކުރު ދުވަހު އަވަހާރަވުމުން މިހާރު ޒިމްބާބްވޭ އިން ތައްޔާރުވަމުން ގެންދަނީ މުގާބޭގެ ހަށިގަނޑު ޒިމްބާބްވޭ އަށް ގެންދާށެވެ.

ގްރާސް އަކީ މުގާބޭގެ ދެވަނަ އަނބިކަނބަލުންނެވެ. މުގާބޭ ގްރާސް އާއި ކައިވެނި ބައްލަވައިގެންނެވީ 1996 ވަނަ އަހަރު އެވެ. އެކައިވެންޏަށް މުގާބޭ އަށް ވަނީ ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައެވެ. މުގާބޭގެ ފުރަތަމަ އަނބިކަނބަލުން ސަލީ އާއި ކައިވެނި ބައްލަވައިގެންނެވީ 1961 ވަނަ އަހަރު އެވެ. އެކަމަނާ ވަނީ 1992 ވަނަ އަހަރު އަވަހާރަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަނގަބެ

  މިފޮޓޯގައި އެތިބިިިީ މަގޭ ދިޔާނާ އަާއި ޖާބިރު ތަ

  19
 2. ކޮތަރު

  ނޫން. އައިސަތު ނަހުލާ އާއި ގާއްޓޭ.

  1
  1