އިނގިރޭސިވިލާތުގެ އެއާލައިން ، "ބްރިޓިޝް އެއާވޭސް" އިން ދަތުރުކުރުމަށް ޓިކެޓުނެގި ތިން ލައްކަ އެއްހާ ފަސިންޖަރުންނަށް އެމީހުންގެ ދަތުރު މަންޒިލްތަކަށް ނުފުރި ތިބެން ޖެހިއްޖެއެވެ.

ބްރިޓިޝް އެއާލައިންގައި މަސައްކަތް ކުރާ ޕައިލެޓުން އުފައްދާފައިވާ ޖަމިއްޔާ، 'ބްރިޓިޝް އެއާވޭސް ޕައިލެޓްސް އެސޯސިއޭޝަން' ގެ މެމްބަރުން އަންނަނީ މުސާރައިގެ މައްސަލައެއްގައި، 4 ދުވަހަށް ދެމިގެންދާ ގޮތަށް މަސައްކަތަށް ނުކުތުމަށް ދެކޮޅު ހަދައި މުޒާހަރާ ކުރަމުންނެވެ. ބްރިޓިޝް އެއާވޭސް އިން ދަތުރުކުރުމަށް ޝެޑިއުލް ކޮށްފަ އޮތް 1700 އެއްހާ ފްލައިޓު ވަނީ މިކަމާ ގުޅިގެން ކެންސަލް ކޮށްފައެވެ.

ބްރިޓިޝް އެއާވޭސް އިން ވަނީ މިއަދާއި އަދި މާދަމާއަށް ފުރަން ޓިކެޓު ނަގާފައި އޮތަސް ފަސިންޖަރުން އެއާޕޯޓަށް ނައުމަށާއި ޕްލޭންކޮށްފައި އޮތް ގޮތަށް ފުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އަންގާފައެވެ. ނުފުރުމުގެ ސަބަބުން ރުޅިގަދަވެފައި ތިބި އެތައް ހާސް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ނުރުހުން ފާޅުކުރަމުންނެވެ. އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓުން މިއަދު ފުރާނެ ކަމަށް ލިސްޓު ކޮށްފައި އޮތީ ބްރިޓިޝް އެއާލައިންގެ އެންމެ 10 ފްލައިޓެވެ.

އެއާލައިންގައި މަސައްކަތް ކުރާތާ ތިން އަހަރުވުމުން 11.5 ޕަސެންޓުގެ މުސާރައިގެ ކުރިއެރުމަކާ، 1 ޕަސެންޓުގެ ބޯނަސް އެއް ދޭން އެއާލައިން އިން މިހާރުވެސް ވަނީ އޮފާއެއް ހުށަހަޅާފައެވެ. ނަމަވެސް ޕައިލެޓުން މި އޮފާވެސް ޤަބޫލުކުރަން ވަނީ ދެކޮޅު ހަދާފައެވެ.

"އަހަރެމެން ވާނީ އެލަވަންސްތަކާއި ބޯނަސްތައް އެއްކުރީމަ ކޮންމެ ޕައިލެޓަކަށްވެސް މަދުވެގެން 2 ލައްކަ ޕައުންޑް ލިބޭނެ ވަރުގެ އޮފާއެއް ކޮށްފައި، އަހަރެމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް މި ލިބޭ ގެއްލުމަށް ހިތާމަކުރަން. މި މައްސަަލަ ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން". ބްރިޓިޝް އެއާވޭސްގެ ޗީފް އެގްޒެކެޓިވް، އެލެކްސް ކްރޫޒް މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

އެތައް ސަތޭކަ ފްލައިޓެއް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން އިނގިރޭސި އެއާލައިނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އަންދާސާ ކުރެވެއެވެ.