އަވަށްޓެރި އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ޒިޔާރާތް ކުރާ އަދި ދިރިއުޅެމުން އަންނަ ކެރެލާގައި ނިރުބަވެރި ހަމަލާ އެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އެގައުމުގެ އަސްކަރިއްޔާގެ އިންޓެލިޖެންސް އަށް ލިބުމުން އެ ސްޓޭޓް އެލާޓަށް ގެނެސްފިއެވެ.

މިކަމާއި ގުޅިގެން ކެރެލާގެ ޑިރެކްޓާ ޖެނެރަލް އޮފް ޕޮލިސް، ލޮކްނަތް ބެހްރާ ވަނީ އެ ސްޓޭޓުގެ އާއްމު ތަންތަނުގައި ވަރަށް ހަރުކަށި ކަމާއި އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެ ސްޓޭޓުގެ ފުލުހުންނަށް އަންގާފައެވެ.

ކެރެލާ އަށް ނިރުބަވެރި ހަމަލާ އެއް ދޭން އުޅޭ ކަމުގެ އިންޒާރު ސިފައިންނަށް ލިބިފައި ވީ ނަމަވެސް، އެގައުމުގެ މައި އިންޓެލިޖެންސް އިދާރާ އިން މިކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ނިރުބަވެރި ހަމަލާ އެއް ދޭން އުޅޭ ކަމުގެ އިންޒާރު ފެންމަތި ވެފައި މިވަނީ މި ހަފްތާ ތެރޭގައި ކެރެލާގައި ހިންދޫ ދީނުގެ މީހުން "އޯނަމް" ފާޙަގަކުރަން ހަމަޖެހިފައި ވާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން އެ ސްޓޭޓުގެ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާގެ ކްރިސްޓިއަން ދީނުގެ މީހުން މުނާސަބަތެއް ފާހަގަ ކުރަނިކޮށް އެ ގައުމުގައި ދިން ހަމަލާތަކުގައި ވަނީ 259 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމް ވެފައެވެ.

އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަތުލްއާއްމު ހިންގަމުން އަންނަ އައިސިސް އިން އެ ހަމަލާގެ އިންޒާރު ދީފައި ވާއިރު، ސައުތް އޭޝިއާގައި އިތުރު ހަމަލާތައް އައިސިސް އިން ދޭން އުޅޭކަމުގެ އަޑުތައް އެދުވަސްކޮޅުވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލި ފުޅު

    ތީ އަހަރުމެން ދި ވެހިންގެ އަވައްޓެރިއެއް ނޫން.

  2. ކޮރަލް

    ރާވައިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލު ތަކެކެވެ. ބޭނުންވަނީ މުސްލިމުން ނިކަމެތި ކޮށް ލާށެވެ.