ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އެޤައުމުގެ ދެކުނުގެ ސަރަޙައްދެއްގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ މިންޑަނައޯ އަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ މިންޑަނައޯ އޮންނަ ސަރަޙައްދުގެ ބިމުގެ 100 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރެއް ނެރެފައެއް ނުވެއެވެ. މިއަދު ފިލިޕީންސް އަށް ބިންހެލުން އައި މި ރަށަކީ އެޤައުމުގެ ރައްޔިތުން ވަޒަންވެރިވެ ތިބޭ ރަށެއް ނޫނެވެ.

މި ސަރަޙައްދުގެ އިތުރު ރަށަކަށް މިދިޔަ އާދީއްތަ ދުވަހު ވެސް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ.