ދުއްވަން ކަނޑައެޅިފަވާ ސްޕީޑަށްވުރެ ބާރަށް ކާރު ދުއްވުމުގެ ސަބަބުން ދައްކަން ޖެހުނު 100 ޕައުންޑުގެ ޖޫރިމަނާއެއް ނުދައްކަން އުޅެގެން ދުވަސްވީ މީހަކު 30،000 ޕައުންޑު ދައްކަން ޖެހި، އެއްކޮށް ބަނގުރޫޓު ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ގްލޫސެސްޓާޝިއާ އަށް އުފަން 71 އަހަރުގެ ރިޗަޑް ކީޑްވެލް ވަނީ މި ޖޫޫރިމަނާ ނުދައްކާ ވޭތޯ އޭނާގެ ހުރިހާ ޕެންޝަަން ލާާރިއާއި، ބޭންކުގަ ސޭވް ކުރިހާ ފައިސާ އާއި، ދަރިންނަށް ވާރުތަ ކުރަން ބެހެއްޓި ހުރިހާ ފައިސާ އެއްވެސް މި ކަމަށް އެއްކޮށް ޚަރަދު ކޮށްފައެވެ.

ރިޗަޑް އަށް 100 ޕައުންޑްގެ ޖޫރިމަނާ އެއް އައީ 2016 ވަނަ އަހަރު ވޮސެސްޓާ ޓައުންއަށް ދާން އޭނާ ކުރި ދަތުރެއްގައި 30 މޭލު ބާރުމިނުގައި ދުއްވަން ޖެހޭ މަގެއްގައި 35 މޭލު ބާރުމިނުގައި ކާރު ދުއްވުމުގެ ސަބަބުންނެވެ. މިހާރު ރިޓަޔާ ކޮށްފަވާ އިންޖިނޭރު އޭނާ ބާރަށް ދުއްވި ކަމަށް އިންކާރު ކުރެއެވެ، އޭނާ ސްޕީޑް ލިމިޓާ ޙިލާފުވެފަ ނުވާނޭ ކަމަށް ޔަޤީންކަމާއެކު ޤަބޫލުކުރެއެވެ. ޖޫރިމަނާ ދައްކަން ދެކޮޅު ހަދައި އޭނާ ދިޔައީ އިންސާފު ހޯދަންވެގެން ކޯޓަށެވެ.

ރިޗަޑް އޭނާގެ މައުސޫމް ކަން ދެއްކުމުގެ ގޮތުން މިކަމުގެ މާހިރަކު އޭނާގެ ވަކީލަކަށް ނެގިއެވެ. ރިޗަޑް ގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރުމަށް ނެގި މާހިރު ކޯޓުގައި ބުނީ ސްޕީޑު ދެނެގަތުމަށް އެ މަގުގައި ހުރި ކެމެރާ އަކީ އެއްކޮށް ހަމަޔަށް މަސައްކަތް ނުކުރާ ކެމެރާއަކަށް ވުން ގާތް ކަމަށެވެ. އެހެން ނޫނީ އެ ކެމެރާއިން އެ ގަޑީގައި ބާރަށް ދުއްވި ކަމަށް ރެކޯޑް ކުރީ އެ މަގާ އިންވެގެން ދެން އޮތް މަގުން ދުއްވި ކާރުގެ ޑޭޓާ ކަމަށެވެ.

ރިޗަޑް ހީކޮށްގެން ހުރީ ވަރަށް އަވަހަށް މައްސަލަ ނިމޭނެ ކަމުގައެވެ. އެހެންނަމަވެސް، ނިސްބަތުން ކުޑަ ޖޫރިމަނާއެއްގެ މައްސަލައަކަށް ވިއަސް ވޯސެސްޓާގެ މެޖިސްޓްރޭޓު ކޯޓުން ދިގު ދަންމަމުން ގޮސް މި މައްސަލަ ނިންމުމަށް 3 އަހަރު ނެގިއެވެ. ރިޗަޑް އޭނާ ސޭވް ކޮށްފަ ހުރި ހުރިހާ ފައިސާއެއް "މާހިރު" ގެ ފީ އަށާއި، ކޯޓުގެ އިދާރީ ފީ އަށާއި، 4 ފަހަރެއްގެ މަތިން ކޯޓަށް އޭނާ ދާންޖެހުނު ދަތުރުތަކަށް ދައްކަން ޖެހުނެވެ. އާޙިރުގައި ރިޗަޑް އަށް އޭނާގެ ކޯޓު ކޭހުން ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއެވެ.

ވަރަށް ބޮޑަށް ދެރަވެފައި ހުރެ ރިޗަޑް މީޑިއާކަށް އޭނާގެ މައްސަލައިގައި ވާހަކަ ދައްކަމުން ބުނީ އެހާ ގިނަ އަދަދެއްގެ ފައިސާ ކުޑަ މައްސަލައަކަށް ޚަރަދު ކުރެވުނީތީ މިހާރު މޮޔަ ހީވެ ދެރަވާ ކަމަށެވެ.

"އަހަރެންނަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވުނު ބާރަށް ދުއްވި ކަމަށް، ވަރަށް އުފާވެރި ދުވަހެއް ޚަރާބު ކޮށްލުމުން އަހަރެން ހަމައެކަނި ބޭނުންވީ އިންސާފު ހޯދަން. އަހަރެން ބަލިވެ، އުއްމީދު ގެއްލިއްޖެ މި ހުރިހާ ނިޒާމަކުން ރައްޔިތު މީހާ ހަނާ ކުރާތީ" ރިޗަޑް ރޮމުން ހުރެ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    ޑިމޮކްރަސީގެ ފޮނި

    9
    1