އިންތިޚާބު ކާމިޔާބުކޮށް އިތުރު ދައުރަކަށް ބޮޑު ވަޒީރު ކަމަށް އިންތިޚާބު ވެއްޖެނަމަ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ހިފާނެ ކަމަށް އިޒްރޭލުގެ މިހާރުވެސް ބޮޑު ވަޒީރުކަން ކުރަމުން އަންނަ ބެންޖަމީން ނަތަންޔާހޫ އިއުލާން ކޮށްފިއެވެ.

އަންގާރަ ދުވަހު އިޒްރޭލުގެ ޤައުމީ ޓީވީން ވަގުތުން ދުރަށް ފޮނުވި ޖަލްސާއެއް ގައި ވާހަކަ ދައްކަމުން ހުރެ ނަތަންޔާހޫ ބުނީ ހުޅަނގު އައްސޭރީގެ ތިން ބައި ކުޅަ އެއްބައި ބިން ހިފުމަށް އޭނާ ގަސްދު ކުރާ ކަމަށެވެ. އަދި މިކަން އޭނާ ކުރުމަށް ވިސްނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ފުރިހަމަ އެއްބާރުލުމާއި އެކުގައި ކަމަށެވެ. ޓްރަމްޕް ވަރަށް އަވަހަށް މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލައި ނެރޭނެ ނަތަންޔާހޫ ބުންޔެވެ.

"އަހަރެން މިއަދު އިއުލާން މި ކުރަނީ އާ ދައުރަކަށް ހޮވިއްޖެއްޔާ އަހަރެންގެ ވިސްނުން. ޖޯޑަން ވެލީ އާއި ނޯދަން ޑެޑްސީ، އިޒްރޭލުގެ ތަނަކަށް ހަދާނަން." އަންނަ ހަފްތާގައި އިޒްރޭލުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާގައި ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ވާހަކަ ދައްކާފައި ވަނީ ބޮޑު 'މެޕެއް' ކައިރީގައި ބަހައްޓައިގެންނެވެ. ޖޯޑަން ވެލީގެ ބޮޑު ބައެއް އިޒްރޭލުން ހިފާފައިވާ ތަން އެ މެޕުން ދައްކައެވެ. މި ސަރަހައްދުގައި ފަލަސްތީނުގެ ސިޓީ އެއް ކަމަށްވާ ޖެރިކޯ ހިމެނެއެވެ. އެ މެޕުން ދައްކާ ގޮތުން ޖެރިކޯ އާއި ފަލަސްތީނުގެ ކުދި ކުދި އަވަށްތައް ވެގެންދާނީ އިޒްރޭލުގެ މައި ސަރަހައްދެއް ތެރޭގައި އޮންނަ ތަންތަނުގެ ގޮތުގައެވެ.

ނަތަންޔާހޫ ގެ މެޕުގައި އިޒްރޭލުގެ ސަރަހައްދު މުޅި ހުޅަނގު އައްސޭރީގައި ފެތުރިގެން ގޮސް އިރުމަތީ އުރުދުން އާ ގުޅޭ ބޯޑަރާ ހަމަޔަށް އޮއްވާ ދައްކައެވެ. "މި މެޕުގައި މި ދައްކަނީ އަހަރެމެންގެ އިރުމަތީ ބޯޑަރުލައިން. 1967 ގެ ހަނގުރާމައަށް ފަހު އަހަރެމެންނަށް މި އަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ". އިޒްރޭލުން ފަލަސްތީނުގެ ބިން ފޭރިގަތް ހަނގުރާމަ އާ ގުޅުވަމުން ނަތަންޔާހޫ ބުންޔެވެ.

ނަތަންޔާހޫގެ މިވާހަކަތަކާ ގުޅިގެން އުރުދުންގެ ބޮޑު ވަޒީރު ވަނީ ސަރަހައްދުގެ އަމަން އަމާންކަން ނަގާލުން ނޫން އިތުރު ކަމެއް އެފަދަ އިސްތިއުމާރަކުން ނުލިބޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައުދީ އަރަބިއްޔާ އިން ވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގުމަށް ރާވާފައިވާ ޖަރީމާއެއް ގޮތަށް ސިފަކޮށް ސައުދީ ރޯޔަލް ކޯޓުގެ ފަރާތުން ވަނީ އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާ، އޯއައިސީ ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވާ ފައެވެ.

ހުޅަނގު އައްސޭރި އަކީ ޒަމާނުއްސުރެން އަރަބިންގެ ބިމެވެ. ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ބިމުން މިހާރުވެސް އިޒްރޭލުން ވަނީ ބޮޑު ބައެއް ފޭރިގެންފައެވެ. އެމީހުންނަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން، އެ ސަރަހައްދުގައި ޔަހޫދީން އާބާދު ކޮށް ވަޒަންވެރި ކުރަމުން އަންނަ ބައެކެވެ. އިޒްރޭލަކީ އުފެދުމުގައި ވެސް ބާތިލް ތަނެއް ކަމަށް ދުނިޔޭގެ ތާރީޚު ހެކިދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެލްކާ

    ލަދުހަޔާތް ކޮބާތަ މިސެޓަންޔާހޫގެ! ހީވަނީ އަމިއްލަ އެއްޗެއް ބަހަން އުޅޭހެން

    18
    1
  2. އަލްޖިބްރާ

    ކަލޭގެ އެދުން ﷲސުބްޙާނަޙޫ ވަތަޢާލާ ފުރިހަމަކޮށް ނުދެއްވާފާދޭ ! އާމީން !

  3. ޙުރެބަލަ ނިކަން

    މިހިރަ ގައްދާޔާ.. މިހިރަ މުލުވަގާ. މިހިރަ ބުރާންޗާ.. ތިޝައިތޯނު ތީ މުސްލިމުންގެ ދުޝްމަނެއްކަން އަހަރެމެންނަށް އެގޭ...