މައިންބަފައިން މަރާލަން އުޅުނު 17 އަހަރުގެ އަންހެން ކުއްޖަކު ފްލޮރިޑާއިން ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި 17 އަހަރުގެ، އެލިއްސާ މިޝެލް ހެޗަރ ބޭނުންވީ ބަޔަކަށް ފައިސާ ދީގެން އޭނާގެ މައިންބަފައިން މަރާލުމަށެވެ. އެ މަގުސަދުގައި އޭނާގެ މަންމައާއި ބައްފަގެ ކޭޝް ކާޑު ވަގަށް ނަގައި އޭގެން ފައިސާ ނަގައި ބަޔަކާ ހަވާލުކުރި ކަމަށްވެސް ވެއެވެ.

ފުލުހުން ކުރި ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ކާޑުތައް ބޭނުންކޮށްފައިވަނީ ޖުމްލަ ދެ ފަހަރުއެވެ. އެގޮތުން ފުރަތަމަ ފަހަރު ނަގާފައިވަނީ 503 ޑޮލަރެވެ. ދެވަނަ ފަހަރަށް ނަގާފައިވަނީ 926 ޑޮލަރެވެ. މީގެ ތެރެއިން ފުރަތަމަ ނެގި 503 ޑޮލަރުގެ ތެރެއިން 100 ޑޮލަރު އޭނާ ޚަރަދު ކުރީ މަސްތުވާތަކެތި ގަންނަން ކަމަށާއި، އެތަކެތި އޭނާ ގަތީ އެކަމުގެ ވިޔަފާރި ކުރާ ގެއަކަށް ގޮސް ކަމަށް ތަހުގީގަށް އެނގިފައިވެއެވެ. އަދި އޭނާގެ މައިންބަފައިން މަރާލަން ބޭނުންވާ ކަމަށްބުނެ މީހަކަށް 400 ޑޮލަރު ހަވާލުކުރީވެސް އެ ގޭގެ ތެރޭގައިކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެލިއްސާ ފައިސާ ދީފައިވަނީ ދެމީހަކަށެވެ. ދެވަނަ މީހާއަށް ފައިސާ ދީ އެކަން ކުރުމަށް ހަވާލުކުރީ ފުރަތަމަ ހަވާލުކުރި މީހާއަށް އެކަން ނުކުރެވުމުންނެވެ. އެގޮތުން ދެވަނައަށް ފައިސާ ހަވާލުކުރީ ގައިގެ ހަން ކަޅު މީހަކަށް ކަމާއި އޭނާއަށް 900 ޑޮލަރު ދީފައިވާ ކަމަށްވެއެވެ.

މި ކޭސްގައި ހިމެނޭ 17 އަހަރުގެ އަންހެންކުއްޖާ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރުމަށް އޭނާގެ މައިންބަފައިން ދަނީ އެއްބާރުލުން ދެމުންނެވެ. އަދި އޭނާ، އޭނާގެ މައިންބަފައިން މަރަން ބޭނުންވި ސަބަބު ސާފެއް ނުވެއެވެ.