ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގ، އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެ ވަޑައިގެންފިއެވެ.

މިއަދު ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި މި ވޯޓުގައި ރަނިލްއަށް އިތުބާރު އޮތްކަމަށް 122 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް 76 މެމްބަރަކު ވޯޓު ދީފައިވާއިރު، 26 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ، ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސައަށް ތާއީދުކުރާ އިދިކޮޅު ކޯލިޝަނުންނެވެ. 55 މެމްބަރުންގެ ސޮޔާއިއެކު މައްސަލަ ވެއްދިއިރު، ރާޖަ ޕަކްސަ އެ މައްސަލައިގައި ސޮއިކޮށްފައެއް ނުވެއެވެ.

މި މައްސަލަ ވެއްދުމުގައި ސޮއިކޮށްފައިވާ 55 މެމްބަރުންގެ ތެރޭގައި، ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ޕާޓީ، އެސްއެލްއެފްޕީގެ ހަތަރު މެމްބަރަކުވެސް ސޮއިކުރެއްވިއެވެ. ނަމަވެސް އެ މެމްބަރުން ފަހުވަގުތު ރަނިލްގެ މަޤާމު ދިފާޢު ކުރެއްވުމަށްވެސް މަސައްކަތްކުރެއްވިއެވެ. އަދި ޕެޓިޝަންގައި ސޮއިނުކުރާ އެ ޕާޓީގެ ބައެއް މެމްބަރުން ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށްވެސް ވޯޓު ދީފައިވެއެވެ.

މިއަދު ހެނދުނުން ފަށައިގެން 12 ގަޑިއިރަށް ކުރިއަށްދިޔަ ބަހުސަށްފަހު ނެރުނު ވޯޓުން ބޮޑުވަޒީރު ސަލާމަތްވެވަޑައިގަތް ނަމަވެސް، ރައީސް އާއި ދެމެދު އުފެދިފައިވާ ޚިޔަލު ތަފާތުވުމަށް ނިމުމެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

ރަނިލްގެ އިތުބާރުނެތްކަމުގެ ވޯޓުން އެމަނިކުފާނު ސަލާމަތްވެ ވަޑައގަތުމާއި އެކު، ވެރިކަންކުރާ ޕާޓީން ވަނީ އެ ޕާޓީން އެމަނިކުފާނަށް އިތުބާރު ނެތްކަމަށް ވޯޓުންދިން ވަޒީރުން މަޤާމުން ވަކިކުރާނެކަމުގެ އިންޒާރު ދީފައެވެ.

ރަނިލްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ވެއްދީ، ސްރީލަންކާގެ ސެންޓަރަލް ބޭންކުގެ ގަވަރުނަރު ކަމަށް ބޭރުޤައުމެއްގެ ރައްޔަތުކަން އޮތްމީހަކު އައްޔަންކުރުމާއި، ކަރަޕްޝަން ހިމެނޭ ގޮތަށް އެ ބޭންކުން ވިއްކި ބޮންޑުތަކުގެ މައްސަލައިގައެވެ. މި މައްސަލައިގައި އެޤައުމުގެ ރައީސް ސިރިސެނާ ވިދާޅުވީ، ކުރީގެ ރައީސް ރާޖަޕަކްސަގެ ވެރިކަމަށްވުރެ މިހާރުގެ ސަރުކާރުގެ ކަރަޕްޝަން ބޮޑު ކަމަށެވެ.

ސްރީލަންކާގެ ވެރިކަންކުރާ ކޯލިޝަން ތެރޭގައި ޙައްލު ނުކުރެވޭވަރުގެ މައްސަލަތައް އުފެދިފައިވާއިރު، މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބު ކާމިޔާބު ކުރެއްވީ، ކުރީގެ ރައީސް ރާޖަޕަކްސަގެ އިދިކޮޅު ކޯލިޝަނުންނެވެ.