ފޭސްބުކް އިން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ޕޭޖް ސަސްޕެންޑް ކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާގެ ޕޭޖު ސަސްޕެންޑުކޮށްފައިވަނީ ނަފްރަތު އުފެދޭ ގޮތަށް އެ ޕޭޖުން ޕޯސްޓެއް ޝެއަރ ކުރުމާ ގުޅިގެންނެވެ. އެގޮތުން އެ ޕޭޖުން ކޮށްފައިވާ ޕޯސްޓުގައި ވަނީ އަރަބީން ހިމެނޭ ގޮތަށް އުފެދިފައިވާ ސަރުކާރުން އުޅެނީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެންމެން ހަލާކުކޮށް ނެތިކޮށްލުމަށް ކަމަށްބުނެ އާންމުންގެ ވޯޓު ހޯދުމަށް ހުޅުވާލާފައެވެ.

އެ ޕޯސްޓާއެކު ފޭސްބުކްއިން ވަނީ އެ ޕޭޖްގެ އޮޓޮމެޓިކް ޗެޓް ފަންކްޝަން 24 ގަޑިއިރަށް ބްލޮކް ކޮށްފައެވެ. ފޭސްބުކް އިން ބުނެފައިވަނީ އެ ޕޯސްޓަކީ އެކުންފުނީގެ "ހޭޓް ސްޕީޗް ޕޮލިސީ"އާ ޚިލާފު ޕޯސްޓެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެގައުމުގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ އެ ޕޯސްޓުކޮށްފައިވަނީ އޭނާ ނޫން ކަމަށާއި، އެއީ އޭނާގެ މުވައްޒަފަކަށް އޮޅިގެން ލިޔެވުނު ޕޯސްޓެއް ކަމަށެވެ.

މިފަދަ ކަމެއް ހިނގާފައިވާއިރު، އުމުރުން 69 އަހަރުން ނަތަންޔާހޫ ދަނީ އަންނަ ހަފްތާގައި އޮންނަ އިންތިޚާބުގައި އޭނާގެ މަގާމު ދިފާއުކުރުމަށް ކެމްޕެއިންވެސް ކުރަމުންނެވެ.