އަވައްޓެރި އިންޑިއާގައި ގިނަ ބަޔަކާއި އެކު ދަތުރުކުރި ބޯޓެއް އަޑިޔަށް ގޮސް، އެއިން ދަތުރުކުރި ބައެއް މީހުން ވީނުވީއެއް ނޭނގިގެން ހޯދަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އަންދްރަޕަރަދޭޝްގައި އޮންނަ ބޮޑު ކޯރަކުން ބޯޓު ދަތުރުކޮށްފައި ދަނިކޮށް އެ ކޯރުގެ އޮއެވަރު ގަދަވުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުން ޖުމްލަ 73 މީހަކު ދަތުރު ކުރިއިރު އޭގެތެރެއިން މިހާތަނަށް ސަލާމަތް ވެފައި ވަނީ 26 މީހުންނެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޯޓު އަޑިޔަށް ދިއުމުގެ ހާދިސާގައި ގެއްލުނު 39 މީހަކު ހޯދުމުގެ މަސައްކަތް އެޤައުމުގެ އިދާރާތަކުގެ 300 އޮފިޝަލުން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި އިންޑިއަން ނޭވީގެ ސިފައިންނާއި އެޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ އޮފިޝަލުން ހިމެނެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން މިހާރު ކުރިޔަށް ދާއިރު، ޑަރިވަރުންގެ ޚާއްސަ ޓީމެއްވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދެއެވެ. މީގެ އިތުރުން މީހުން ހޯދުމަށް ކަނޑުއަޑީގައި ބޭނުންކުރާ ޚާއްސަ އާލާތްތަކެއް ބޭނުންކުރުމުގެ މަސައްކަތްވެސް އެފަރާތްތަކުން ކުރަމުންދާ ކަމަށް ނޫސްތަކުން ބުނެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ޕިކްނިކް ސަރަޙައްދެއްގައި ކަމަށްވެއެވެ. އަންދްރަޕަރަދޭޝްގެ މިނިސްޓަރަކު މި ހާދިސާ އާއި ގުޅިގެން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި މީހުން ދަތުރުކުރި ބޯޓަކީ ފަތުރުވެރިން ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ބޯޓެއްވެސް ނޫން ކަމަށެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވިނަމަވެސް، ގެއްލުނު މީހުންގެ ތެރޭގައި ފަތުރުވެރިން ހިމެނޭކަމެއް ނުވަތަ ފަތުރުވެރިން ހިމެނޭނަމަ އެއީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބައެއް ކަމެއް ނޫސްތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ މި ހާދިސާ އާއި ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރު އަންދްރަޕްރަދޭޝްގައި ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ހިއްވަރު ދެއްވާފައެވެ.