އާދަޔާއި ޚިލާފަށް ބާރުގަދަ ތޫފާން "ޑޯރިއަން" އިން ލިބުނު ގެއްލުމުން އަރައިނުގަނެވެނީސް އެމެރިކާއަށް އަނެއްކާވެސް ބާރުގަދަ ތިން ތޫފާނެއްގެ ނުރައްކާ ބޮޑުވެއްޖެއެވެ.

އެމެރިކާ ސަރަޙައްދުގެ މޫސުން މޮނިޓާކުރާ އިދާއެއް ކަމަށްވާ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފައިވާ ގޮތުގައި، އެޓްލާންޓިކް ކަނޑުގައި މިހާރު އަންނަނީ ތިން ތޫފާނެއް އުފެދި ބާރުގަދަ ވަމުންނެވެ. އަދި ތޫފާންތައް މިސްރާބު ޖަހާފައި ވަނީ އެމެރިކާ ސަރަޙައްދަށް ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އެންއޯއޭއޭ އިން ބުނެފައިވާ ގޮތުގައި އެޓްލާންޓިކް ކަނޑުގައި މިހާރު އުފެދިފައިވާ ތިން ތޫފާނުގެ ތެރެއިން ތޫފާނެއް މިހާރު ދަނީ ބިޔަ ނަގޫރޯޅިއަކަށް ބަދަލުވަމުންނެވެ. މި ތޫފާނުގައި 65 މޭލަށް ވައިގަދަވެފައި ވާއިރު ތޫފާން ނަގޫރޯޅިއަކަށް ބަދަލުވާނީ 74 މޭލަށް އެރުމުންނެވެ. "ހަމްބާޓޯ"ގެ ނަމުން ނަންދީފައިވާ މި ތޫފާން އެމެރިކާ އާއި ދިމާލަށް މިސްރާބު ޖަހަމުން ދަނީ ގަޑިއަކު ހަތް މޭލު ބާރުމިނުގައި ކަމަށް އެންއޯއޭއޭ އިން ބުނެފައި ވެއެވެ.

އިދާރާތަކުން ބުނާގޮތުގައި އެޓްލާންޓިކް ކަނޑުގައި އުފެދިފައިވާ ތޫފާންތައް ދައުރުވަމުން ދަނީ، ފްލޮރިޑާގެ އައްސޭރީގައި އޮންނަ ކޭޕް ކެނަވެރަލްގެ އިރުމަތީ ސަރަޙައްދުގެ އިރުއުތުރުން 165 މޭލު ބޭރުގައެވެ. މި ތޫފާންތަކުގެ އަސަރު ކުރިޔަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދަށް ކުރާނެ ކަމަށް ބެލެވިފައިވާއިރު، ކަނޑު ގަދަވެ އައްސޭރީގެ ބައެއް ސަރަޙައްދުތަކަށް ރާޅު އަރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަ ވަމުންދާ ތިން ތޫފާނުގެ ތެރެއިން "ތޫފާން ހަމްބާޓޯ"ގެ ނުރައްކާ އޮތް ސަރަޙައްދުތަކުގެ ތެރޭގައި، މީގެ ދެވަރަކަށް ހަފްތާ ކުރިން ކެޓެގަރީ ފަހެއްގެ ވަރުގަދަ ތޫފާން، "ޑޯރިއަން" އަރައި ސުންނާފަތިވެގެން ދިޔަ ބަހާމާސްވެސް ހިމެނެއެވެ. ތޫފާން ޑޯރިއަންގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 50 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޢަލްހަމްދުލިﷲ

  2. ޝާފީ

    ޢަލްހަމްދުލިﷲ

  3. ޖާޒީރާ ބޯއީ

    ޢަލްހަމްދުލިﷲ މިހެން ބުނާކަށް ނުވާނެ ސަބަބަކީ އެތަނުގައި ވެސް ވަރަށް ގިނައަދަދެއްގެ މުސްލިމުން ދިރިއުޅޭ. އަދި ކޮންމެ ދީނަކަށް ނިސްބަތްވިނަމަވެސް އެއީ އިންސާނުން. ގައުމުގެ ވެރިންނާއި ސަރުކާރު ދެކެ އަންނަ ރުޅި އިންސާނިޔަތައް ބާލާނުލަމާ.