އިސްރާއީލްގައި މާދަމާ އޮންނަ އާއްމު އިންތިޚާބު ކާމިޔާބު ނުކުރެވިދާނެ ކަމަށް އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ގަބޫލު ކުރެވުމުން އިންތިޚާބު ލަސްކުރުމުގެ މަޤުޞަދުގައި ޣައްޒާއާއި ދެކޮޅަށް ހަނގުރާމައެއް ފަށަން މަސައްކަތް ކޮށްފިއެވެ.

އިސްރާއީލްގެ ޤާނޫނުތައް ބުނާ ގޮތުން ހަނގުރާމައިގެ ހާލަތުގައި އިންތިޚާބު ލަސްކުރެވިދާނެއެވެ. އެހެންކަމުން ނަތަންޔާހޫ މިއަދު މަސައްކަތް ކުރީ ކުއްލިއަކަށް ޣައްޒާ އާއި ދެކޮޅަށް ހަނގުރާމަ ފަށާށެވެ. ނަމަވެސް އެކަން މިއަދު ނުކުރެވުނީ އިސްރާއީލްގެ ބަންޑާރަނައިބު އެކަމަށް ދެކޮޅު ހެދުމުންނެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަދު ހަނގުރާމަ ފަށަން ނަތަންޔާހޫ ނިންމުމުން އިސްރާއީލްގެ ބަންޑާރަނައިބު އަވިޗާއީ މެންޑެލްބްލިޓް ވަނީ ގައުމީ ސަލާމަތާއި ބެހޭ ކެބިނެޓްގެ ބައްދަލުވުމުން ފާސްނުކޮށް ހަނގުރާމަ ނުފެށޭނެ ކަމަށް ލަފާދީފައެވެ.

ގައުމީ ސަލާމަތާއި ބެހޭ ކެބިނެޓުން ހަނގުރާމަ ފަށަން ރުހުން ނުލިބޭނެކަން އެނގޭތީ ހަނގުރާމަ ފެށުމުގެ މައްސަލަ ނަތަންޔާހޫ ކެބިނެޓަށް ހުށަހަޅަފައެއް ނުވެއެވެ.

ހަނގުރާމަ ފަށައިގެން އިންތިޚާބު ލަސްކުރަން ނަތަންޔާހޫ މަސައްކަތް ކުރާތީ އިސްރާއީލްގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ނަތަންޔާހޫ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ބާއްވާ އާއްމު އިންތިޚާބަށް އިސްރާއީލް ތައްޔާރުވަމުން ދާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުން ނަތަންޔާހޫ އަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އިސްރާއީލްގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ނަތަންޔާހޫ މިދިޔަ ހަފްތާގައި ވައުދުވުމުން އިސްރާއީލް މީހުންގެ މެދުގައި ނަަތަންޔާހޫގެ މަގުބޫލްކަން ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައި ކަމަށް މީޑިއާތަކުން ބުނެއެވެ.