އެމެރިކާ އާ އެއްކޮށް ދުވަހަކުވެސް މަޝްވަރާ ނުކުރައްވާނެ ކަމަށް އީރާނުގެ ރޫޙާނީ ލީޑަރު، އާޔަތުއްލާ ޙާމަނާއީ ވިދާޅުވެއްޖެއެވެ.

ޙާމަނާއީ މިގޮތަށް ވިދާޅުވެފައި މިވަނީ ސައުދީ އަރަބިއްޔާ އަށް ދާދިފަހުން ދީފައިވާ ޑްރޯން ހަމަލާތަކުގެ މައްސަލައިގައި ދުވަސްވީ ދެ އަދުއްވުން ކަމަށްވާ އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"އީރާނާ ދެކޮޅަށް ކިތަންމެ ބޮޑުކޮށް ފިއްތުންތަކެއް ކުރިމަތި ކުރުވިއަސް އެއީ ހަމަ ބޭކާރު ކަމެއް. އީރާނު ސަރުކާރު ގެ ހުރިހާ ފަންތިއެއްގެ އޮފިޝަލުން ވެސް އިއްތިފާގު ވާ ކަމެއް އެމެރިކާ އާ އެއްކޮށް އެއްވެސް މަޝްވަރާއެއް ކުރުމެއް ނޯންނާނެ." ޙާމަނާއީ ވިދާޅުވިކަމަށް އޭނާގެ ރަސްމީ ވެބްސައިޓުގައި މައުލޫމާތު ދީފައި ވެއެވެ.

އެމެރިކާ ގެ ވައިޓް ހައުސްގެ އޮފިޝަލުން މިދިޔަ އާދީއްތަ ދުވަހު ބުނެފައިވާ ގޮތުން މިއަންނަ ހަފްތާގައި އޮންނަ އދ ގެ އާއްމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޙާމަނާއީ ބައްދަލުކޮށްފާނެ ކަމަށެވެ.

އީރާނާއި އެމެރިކާގެ ގުޅުން މިހާ ބޮޑަށް ހީނަރުވެފައި އޮތީ 2015 ވަނަ އަހަރު ދެ ގައުމުން ގާއިމުކޮށްފައި އޮތް ނިއުކްލިއާ އެއްބަސްވުމަކުން ވަކި ވުމަށް މިދިޔަ އަހަރު ޓްރަމްޕް ނިންމުމާ ގުޅިގެންނެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. ޖަވާބުގައި އީރާނުންވެސް ވަނީ އެއްބަސްވުން އުވާލާ އެމީހުންގެ ނިއުކްލިއާ މަޝްރޫޢު އިތުރަށް ފުޅާކުރަން ފަށައިފައެވެ.

އދ ގެ އާއްމު ބައްދަލުވުމެއް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.

އެ ބައްދަލުވުމުގައި މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމަށާއި، އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމަށްވެސް އަލިއަޅުވާލައި ގައުމުތަކުން ބަހުސް ކުރާނެ ކަމަށް ބެލެވެއެވެ.