ގަލްފުގެ ގައުމުތަކުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ކުވައިތުގެ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާ އެލާޓަށް ގެނެސްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުވައިތުގެ ޚާރިޖީ ވަޒީރު، ޝޭޚް ސަބާހް އަލް ޚާލިދު އަލް ސަބާހު ވަނީ އެންމެ މަތީ ލެވެލްގެ އެލާޓުގައި ތިބުމަށް އެގައުމުގެ އަސްކަރިއްޔާ އަށް އަންގަވާފައެވެ. އަދި އެގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ފަދަ ކޮންމެކަމަކުން ގައުމު ސަލާމަތް ކުރުމަށް ތައްޔާރުގައި ތިބުމަށްވެސް އޭނާ ވަނީ އަސްކަރިއްޔާއަށް އަންގަވާފައެވެ.

ސައުދީ އަރަބިއްޔާގެ އަރަމްކޯގެ ދެ ތެޔޮ ކާރުޚާނާއަށް ދިން ޑްރޯން ހަމަލާތަކަށްފަހު ގަލްފު ރީޖަންގެ ގައުމުތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެގޮތުން އިއްޔެ، ކުވައިތުގެ ޝާހީ ގަނޑުވަރު މަތިން ޑްރޯނެއް ފެނިގެން އެކަންވެސް ތަހުގީގު ކުރަން ވަނީ ފަށާފައެވެ.

ޝާހީ ގަނޑުގެ މަތިން ޑްރޯން ފެނުމާއި ގަލްފުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކާއެކު ބޮޑުވަޒީރު ޝައިޚް ޖާބިރު މުބާރަކް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެގައުމުގެ ޕްރައިމް މިނިސްޓަރުގެ ނައިބު، ވިދާޅުވީ ފެނިފައިވާ ޑްރޯން އާ ގުޅޭ ގޮތުން ކުރަންޖެހޭ ތަހުގީގުތައް ކުރުން ފަށާފައިވާ ކަމަށެވެ. އަދި އެއާ ކުރިމަތިލާންވެސް އެގައުމު ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.

މިކަމާ ގުޅިގެން ބޮޑު ވަޒީރުގެ ލަފާގެ މަތިން އެގައުމުގެ މުހިއްމު އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ސައުދީ އަރަބިއްޔާއަށް ދިން ހަމަލާއަކީ ސީދާ އީރާނުން ދިން ހަމަލާއެއް ކަމަށް ސައުދީން ބުނެފައިވާއިރު ކުވައިތު އޮތީ މި މައްސަލާގައި ސައުދީއާ އެއްކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު