އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ބައިވެރިވެވަޑައިގަންނަވަމުން ދިޔަ ކެމްޕެއިން ޖަލްސާއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާދީފައިވަނީ ސައިކަލަކުން އައި މީހަކު އަމިއްލަ ހަށި ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ރައީސް ޣަނީއަށް އަނިޔާއެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ ޖަލްސާގައި ބައިވެރިވަމުންދިޔަ މީހުންގެ ތެރެއިން 26 މީހަކު މަރުވެ، 40 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެހަމަލާގެ ޒިންމާ ތާލިބާނުން އުފުލާފައިވާއިރު، އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ސިފައިން ހިމެނެއެވެ. އަދި މަރުވި އާންމުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާއަށް މާ ގިނަ އިރުތަކެއް ނުވަނީސް އިތުރު ބޮމުގެ ހަމަލާއެއް ކާބުލްގެ ގްރީން ޒޯން ހިމެނޭ ސަރަހައްދަށްވެސް ވަނީ ދީފައެވެ. އެ ސަރަހައްދަކީ އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީއާއި ނާޓޯގެ ހެޑްކުއާޓަރުގެ އިތުރުން އެމެރިކާގެ އެމްބަސީ ހުންނަ ސަރަހައްދެވެ. އެހަމަލާގައި 22 މީހުން މަރުވި އިރު 38 މީހުން ޒަޚަމްވެފައިވެއެވެ.

އެ ހަމަލާގެ ޒިންމާވެސް ތާލިބާނުން ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު