އެމެރިކާގެ ސްޓޭޓެއްގެ މޭޔަރުކަން ކުރިން ކުރި މުސްލިމަކު ތުރުކީ ވިލާތުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް އައީމަ ބޯޑަރު ސިފައިން އޭނާ ހައްޔަރު ކޮށްފި އެވެ.

އެމެރިކާގެ ނިއު ޖާޒީގެ ޕްރޮސްޕެކްޓް ޕާކުގެ މޭޔަރު ކަން 2005 ވަނަ އަހަރުން ކުރަމުން އަންނަ މުހައްމަދު ޙައިރުﷲ އެމެރިކާގެ ޖޭ އެފްކޭ އެއާޕޯޓުގެ ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު 3 ގަޑިއިރު ވަންދެން ވަނީ ބަންދުކޮށްފައި ބަހައްޓާފައެވެ. ޙައިރުﷲ ބުނި ގޮތުގައި ފުރަތަމަ ބޯޑަރު ކޮންޓްރޯލް ގެ އޭޖެންޓުން އޭނާއާއި ކުރީ އާދައިގެ ސުވާލު ތަކެކެވެ. އެގޮތުން އޭނާ ޒިޔާރަތް ކުރީ ކޮން ތަނަކަށްތޯ އާއި ބައްދަލު ކުރީ ކޮން ކޮން ބަޔަކާތޯ ސުވާލު ކުރިއެވެ. ދެން އޭޖެންޓުން އޭނާއާއި ކުރީ މި ސުވާލެވެ. "ކަލޭ އެއްވެސް ޓެރަރިސްޓަކާއި ބައްދަލު ކުރިންތަ؟" ޙައިރުﷲ ވަރަށް މަޑުމައިތިރި ކަމާއެކު ނޫނެކޭ ބުންޔެވެ.

ޙައިރުﷲ އޭނާ އަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރަމުން ދިޔަ ސުވާލުތަކަށް އިތުރަށް ޖަވާބު ދޭން ދެކޮޅު ހަދައި ވަކީލަކު ބޭނުންވާ ކަމަށް ބުންޏެވެ. އެހިސާބުން އޭޖެންޓުން އޭނާގެ ފޯނު ފާސް ކުރަން ބޭނުންވާ ކަމަށްބުނެ ފޯނު އަތުލިއެވެ. އޭރު ޙައިރުﷲ ގެ އަންހެނުން އާއި 5 ކުދިން އޭނާއާއި ސުވާލު ކުރަމުންދާ ތަނުގެ ބޭރުގައި ވަރުބަލި ކަމާއެކު މަޑުކޮށްގެން ތިއްބެވެ.

ޙައިރުﷲ މީޑިއާތަކަށް ކިޔާދިން ގޮތުގައި އެމެރިކާގެ ބޯޑަރު ޕެޓްރޯލް އޭޖެންޓުން އޭނާއާ ސުވާލުކުރީީ 'ރެންޑަމް' ކޮށް ކަމަށް އެމީހުން ބުނެފައި ވިއަސް އޭނާ އެކަން ގަބޫލު ނުކުރާނެ ކަމަށެވެ. "އެމީހުން އަހަރެން އިންޓަވިއު ކުރާ ތަނަށް ގެންގޮސްފައި ބުނި މިއީ ތިމަންނަމެނަށް އަމުރު އައި ގޮތޭ، އެކަމަކު ކީއްވެކަމެއް ބުނެ ނުދެވުނު. އަހަރެން ބޭނުންވޭ އެއީ ކީއްވެކަން އެނގެން."

ނިއު ޔޯކުގެ އެމެރިކާ-މުސްލިމް ގުޅުމުގެ ޑިރެކްޓަރު އަހުމަދު މުހައްމަދު ބުނި ގޮތުގައި އޭނާ ދަނީ ފުރައްސާރައިގެ އެ މައްސަލައިގައި ޙައިރު ﷲ ތަމްސީލް ކުރަމުންނެވެ. "ޙައިރު ﷲ އާ ދޭތެރޭގައި އަމަލް ކުރީ ޓެރެރިސްޓަކާ ދޭތެރޭ ޢަމަލު ކުރާ ގޮތަށް. މިއީ އެއްވެސް އެމެރިކާ ރައްޔިތަކާ ދޭތެރޭ ކަންތައް ހިނގަން ޖެހޭނެ ގޮތެެއް ނޫން. އަހަރެމެން އެބަ ވިސްނަން މިކަމާ ގުޅިގެން ޝަރީއަތަށް މައްސަލަ ގެންދަން ވެސް." އަހުމަދު ބުންޔެވެ.

އެމެރިކާގެ ކަސްޓަމްސް އާއި ބޯޑަރު ޕެޓްރޯލް ގެ ފަރާތުން މި މައްސަލައިގެ ބާވަތުން ކަމަށް ބުނެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމެރިކާގައި ދާދި ފަހުން ހެދި ސާވޭ އަކުން ދައްކާފައިވާ ގޮތުން އެ ގައުމުގައި މިދިޔަ އަހަރު ވަނީ 33،295 މީހުން އެއާޕޯޓުގައި ސުވާލު ކުރެވިފައެވެ.