ފިލިޕީސްގައި ޑެންގީހުން ޖެހިގެން މަރުވި މީހުންގެ އަދަދު 1107 އަށް އަރައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއީ 2012 ވަނަ އަހަރަށްފަހު ގިނަ އަދަދެއްގެ މީހުންނަށް އެގައުމުގައި ޑެންގީ ޖެހިގެން ފަރުވާ ދޭ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރު މިހާތަނަށް 271،480 މީހުން ޑެންގީ ހުމަށް ފަރުވާ ހޯދާފައިވާއިރު އޭގެ ތެރެއިން 1107 މީހުން މަރުވެފައިވާ ކަަމަށް ޚަބަރުތައް ބުނެއެވެ.

2012 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އަހަރު އެގައުމުގެ 187،031 މީހަކަށް ޑެންގީ ޖެހިގެން ފަރުވާ ދީފައިވެއެވެ.

ޑެންގީ ޖެހިގެން މިއަހަރުގެ މިހާތަނަށް 1107 މީހުން މަރުވެފައިވާއިރު އޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ ހަ އަހަރާއި ހަތަރު އަހަރުންދަށު ކުޑަކުދިން ކަމަށްވެއެވެ. އަދި މި ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެފައިވުމުން އެގައުމުގެ ހޮސްޕިޓަލްތަކުގެ ކޮންމެ އެނދެއްގައި ދެ މީހުން ނުވަތަ ތިން މީހުން ބައިތިއްބައިގެން ފަރުވާ ދެމުންދާ ކަމަށް ވެއެވެ.

ޑެންގީ ޖެހެން މެދުވެރިވަނީ މަދިރީގެ ސަބަބުން ކަމަށްވުމުން އެގައުމުގައި ދަނީ މަދިރި ކޮންޓްރޯލް ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ފޮގް ކުރުމާއި ފެން އުފެދޭ ފަދަ ތަންތަން ސާފުކުރުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު