އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

ލަންކާގައި ބާއްވާ އަށްވަނަ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު މަހު ބާއްވަން އިއުލާންކޮށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައިވަނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އިންތިހާބު ވެގެންދާނީ މިހާރު އެގައުމުގެ ކުރީގެ ރައީސް، މަހިންދްރަ ރާޖަޕަކްސަ އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް އެނގިގެންދާނެ އިންތިހާބަކަށެވެ.

އިންތިހާބު ބާއްވާ ތާރީހު އިއުލާންކޮށްފައިވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސައެވެ.

މީގެއިތުރުން ލަންކާގެ މިހާރުގެ ރައީސް މައިތިރިޕައްލާ ސިރިސޭނާ އާއި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ދެ ބޭފުޅުންނަކީ ދެ ޕާޓީ އަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ.