ޕާކިސްތާންގެ ކަސޫރް ނަމަކަށް ކިޔާ ސަރަހައްދުގައި ރޭޕް ކުރުމަށް ފަހު މަރާލާފައިވާ ތިން ފިރިހެން ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނާ ގޮތުގައި ތިން ފިރިހެން ކުދިންގެ ހަށިގަނޑު ފެނުނީ ހަނަފަސް އިންޑަސްޓްރިއަލް ސަރަހައްދަކުންނެވެ. ފެނުނު ތިން ކުދިންގެ ހަށިގަނޑުގެ ތެރެއިން ދެކުއްޖަކު ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މަހުއެވެ. ތިން ވަނަ ކުއްޖާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ.

ފުލުހުން ބުނީ ތިން ކުދިން މަރާލާފައި ވަނީ ކިހިނެއްކަން އަދި ތަޙްޤީޤަށް މުޅިން ކަށަވަރު ނުކުރެވޭ ކަމަށާއި ނަމަވެސް މިހާތަނަށް ހޯދިފައިވާ މައުލޫމާތައް ބަލާއިރު ތިން ކުދިން މަރާލުމުގެ ކުރިން އެކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާ ކަމަށެވެ.

އިތުރު މައުލޫމާތުތައް ލިބޭނީ ޕޯސްޓްމޯޓަމްގެ ރަސްމީ ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ބުނެއެވެ.

ފާއިތުވި ދެތިން މަސް ދުވަހެއްގެ ތެރޭގައި އެސަރަހައްދުން ފަސް ފިރިހެން ކުއްޖަކު ގެއްލިފައިވެއެވެ. ގެއްލުނު ކުދިންގެ އުމުރު އުޅެނީ އަށް އަހަރާއި 12 އަހަރާއި ދެމެދުގައެވެ. މިހާރު ފެނިފައި ވަނީ ގެއްލުނު ފަސް ކުދިންގެ ތެރެއިން ތިން ކުދިންގެ ހަށިގަނޑެވެ.

ގެއްލިފައިވާ ކުދިން ހޯދަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ޕާކިސްތާންގެ ފުލުހުންގެ އިދާރާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ޕާކިސްތާންގެ ހައަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޒައިނަބު އަންސާރީ ރޭޕް ކުރުމަށް ފަހު މަރާލި ހާދިސާ އާއި ގުޅިގެން ރޭޕް ކުރުމުގެ މައްސަލަތަކަށް ޕާކިސްތާންގައި ވެސް ހާއްސަ ސަމާލުކަމެއް ވަނީ ލިބިފައެވެ. އޭގެ ފަހުން ޖިންސީ ކުށްތައް ރިޕޯޓް ކުރާ މިންވަރު ވަނީ ޕާކިސްތާންގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫރް

    ސުބުހާނަށްﷲ އެކުދިން ގައިިގައަޅާނެ ވޭން !!!ހިތްފަޅައިގެން ދާވަރުވޭ .. ?? ހެޔޮވާނީ ކިހިނެއް !! ޔާﷲ އެކުދިންގެ އާއިލާ ތަކަށް ކެތްތެރިކަންް ދެއްވާށި! ?

    54