އަވައްޓެރި ސްރީލަންކާގެ އަވަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރު ފެނިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ތަކެތި ވަޅުލާފައި ހުއްޓާ ފެނިފައިވަނީ، ލަންކާގެ އިރުމަތީ ޕްރޮވިންސްގައި އޮންނަ އަމްޕާރާގެ ޕަލަމުނައި ނަމަކަށްކިޔާ އަވަށެއްގެ މައި މަގެއްގެ ކައިރިންނެވެ.

އެޤައުމުގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ފޮރުވާފައި ހުއްޓާ ފެނިފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި އެޤައުމުން ފެނިފައިވާއިރު، މީގެ ހަފްތާއެއްހައި ދުވަސް ކުރިން ލަންކާގެ ދެކުނު ޕްރޮވިންސުގައި އޮންނަ ޕަނަތުގަމާ ނަމަކަށްކިޔާ ސަރަޙައްދެއްގައި ދެ ފުލުހަކަށް ބަޑިން ހަމަލާދީފައި ވެއެވެ. މީގެ އިތުރުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރު ދަނީ ފެންނަމުންނެވެ.

ލަންކާގައި އާންމު ތަންތަނުން ގިނަ އަދަދެއްގެ ހަތިޔާރު ފެންނަމުން ދާއިރު، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮން ގޮއްވާލާފައި ވެއެވެ. 250 އަށްވުރެ ގިނަ މީހުން މަރުވި އެ ހާދިސާއަށްފަހު އެޤައުމުގައި ވަނީ ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. ފުލުހުން ވަނީ މި އޮޕަރޭޝަނުގެ ތެރެއިންވެސް ބޮމާއި ގިނަ އަދަދެއްގެ އެނޫންވެސް ހަތިޔާރު ހޯދާފައެވެ.