ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގައި މިއަހަރުގެ މިހައިތަނަށް 126 ކުދިން ރޭޕްކޮށް، އެތަނުން 3 ކުއްޖަކު މަރާލާފައިވާ ކަން ހާމަވެއްޖެއެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އާއްމު ކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުން ފާއިތުވެދިޔަ މަސްތަކުގައި 126 މައްސަލައެއް ރެކޯޑު ކުރެވިފައި ވީ ނަމަވެސް، ރެކޯޑް ނުކުރެވި ދާ ކޭސްތައް ގިނަ ވާނޭ ކަމަށް އެ ފަރާތްތަކުން ބުނެފައި ވެއެވެ.

މި ރިޕޯޓް އާއްމު ކޮށްފައި މިވަނީ، ދުނިޔެ ސިއްސުވާލި ޒައިނަބު އަންސާރީ ރޭޕް ކޮށް މަރާލި ހާދިސާ ހިނގި ސަރަހައްދުގައި ތިން ފިރިހެން ކުއްޖަކު ރޭޕް ކޮށް، ވަޅުލާފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ޕަންޖާބުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މަގުތައް މައްޗައް ނިކުމެ މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އަވަށްޓެރި އިންޑިއާ އަދި ޕާކިސްތާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ރޭޕްގެ މައްސަލަތައް އެންމެ ގިނަ އަދަދަކަށް ފެންމަތިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަން ފާހަގަކޮށްލެވެއެވެ. އެ ގައުމުތަކުގައި ގިނަ ފަހަރަށް މިފަދަ ކަންކަން ކުރަނީ ގިނަ ބަޔަކަށް އެނގިގެންނެވެ. އަދި ބައެއް ހިސާބުތަކުގައި ރައްކާތެރިކަން ބަލަހައްޓަން ތިބޭ އޮފިޝަލުންގެ ބައިވެރިވުމާއި އެކު ކުޑަކުދިންނާއި އާއްމު ރައްޔިތުން ރޭޕް ކޮށް ހަދާ ކަމީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ.

އެންމެ ފަހުން ޕާކިސްތާނުގައި ތިން ފިރިހެން ކުދިން ރޭޕްކޮށް މަރާލި މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިސް ވެރިޔާ އޭނާގެ މަގާމުންވެސް ވަކި ކޮށްފައެވެ.