އެމެރިކާގެ ބްރޫކްލިންގައި މީހެއްގެ އަތުގައި ބަޑިއެއް އޮތް ކަމަށް ހީކޮށް ފުލުހުންތަކެއް އޭނާ އަށް ހަމަލާދިން މައްސަލައިގެ މިނިވަން ތަޙްޤީޤެއް ކުރިއަށް ގެންދާނެ ކަމަށް ނިއުޔޯކްގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އިއްޔެ މަގުމަތީގައި ހޮޅިގަނޑެއް ހިފައިގެން ހުއްޓާ ފުލުހުން ބަޑިން ހަމަލާ ދިނުމުން މަރުވެފައި ވަނީ ސަހީދް ވަސެލް ކިޔާ ކަޅު ނަސްލުގެ މީހެކެވެ. މީގެ ކުރިން ވެސް ހަތިޔާރެއް ނެތި މަގުމަތީގައި ތިބި ކަޅު ނަސްލުގެ މީހުންނަށް އެމެރިކާ ފުލުހުން އެކި ފަހަރު މަތިން ހަމަލާދީ މަރާލާފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ. އަދި ފަހަކަށް އައިސް މިފަދަ މައްސަލަތައް ފެންމަތިވުން ވަނީ ވަރަށް ބޮޑަށް އިތުރުވެސް ވެފައެވެ.

ނިއުޔޯކް އެޓާނީ ޖެނެރަލްގެ ތަރުޖަމާން އެމީ ސްޕިޓަލްނިކް ބުނީ މިމައްސަލައިގައި މިނިވަން އިންސާފުވެރި ތަޙްޤީޤެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ ވަސެލް ހުރި ސަރަހައްދަށް ފުލުހުން ދިޔައީ މަގުމަތީގައި މީހަކު ބަޑިއެއް ހިފައިގެން އެބަހުރި ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ފުލުހުން އެސަރަހައްދަށް ދިއުމުން އޭނާ ވަނީ ފުލުހުންނާއި ދިމާއަށް "ބަޑި" ދިއްކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަސެލް ހުރި ސަރަހައްދަށް ދިޔައީ ޔުނީފޯމް އެޅި ތިން ފުލުހަކާއި ޔުނީފޯމް ނާޅާ ހުރި ފުލުހެކެވެ. އެހަތަރު މީހުން ވަނީ ވަސެލްގެ ގަޔަށް 10 ވަޒަން ފޮނުވާލާފައެވެ. ވަސެލް މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގައި ވެސް "މިނިވަން ތަޙްޤީޤުތައް" ކޮށް ބައެއް ފުލުހުން ކުށްވެރިވާ ކަމަށް ވެސް ނިންމާފައިވެއެވެ. ނަމަވެސް އެއްވެސް ފުލުހަކާއި ދެކޮޅަށް ދައުވާކޮށް އަދަބު ދެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    ބަޑިގެންގުޅެން ހުއްދަދީފަ އޮންނަންޔާ އެގެންގުޅެނީ ބަޑިއެކޭ ހިތަށް އަރާފަރު، ތިޔަކަހަލަ ކަންތަށްވާނެ، އެކަމަކު އެއީ ދޮންމީހެއްނަމަ ގެންގުޅުނީ ހޮޅިބުރިއެއްކަން ދަނެގަންނާނެ.