ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެމެރިކާ އިން ސައުދީ އަށް އިތުރު ސިފައިންތަކެއް ފޮނުވަން ނިންމައިފިއެވެ. ހުކުރު ދުވަހު އެމެރިކާގެ ރައީސް މި ނިންމުން ނިންމާފައިވަނީ ސައުދީ އަރަބިއްޔާ އަށް ޑްރޯން ހަމަލާ ތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޑިފެންސް ހެޑްކުއާޓަރ، ޕެންޓަގަން އިން ބުނާ ގޮތުން ހާހަކަށްވުރެ މަދު އަދަދެއްގެ ސިފައިން އެމެރިކާ އިން މިފަހަރު ސައުދީ އަރަބިއްޔާ އަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު އެމެރިކާ ސިފައިން ސައުދީގައި އަދާކުރާނީ ދިފާޢީ ރޯލެކެވެ. އެމެރިކާއިން ސައުދީ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ކަނޑުގެ ސަރަހައްދު ކައިރިއަށް އެމެރިކާގެ ޖެޓުތައް ޖައްސާ ކެރިއަރ ބޭސްއެއް ބާއްވަން މިހާރު ދަނީ ވިސްނަމުންނެވެ. ކުރިން އަޑުތައް ފެތުރުނު ގޮތުގައި އެމެރިކާއިން މިސައިލް ހަމަލާ ތަކުން ރައްކާތެރިވެވޭ ފަދަ ބެޓެރީ ސާމާނު، ޑްރޯން އަދި ވައިގެ ހަމަލާ ދެވޭ ޖެޓުތައް ސައުދީ އަށް ގެންދާނެ ކަމަށް އޮތީ ބެލެވިފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު މާރކް އެސްޕާ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި ސައުދީ އަރަބިއްޔާގެ އިތުރުން ޔޫއޭއީ އިންވެސް އެމެރިކާގެ އެހީ އަށް މި ދަނޑިވަޅުގައި އެދިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. "ސައުދީ އަރަބިއްޔާ ސަރުކާރުން އަހަރެމެންގެ އެހީ އަށް އެދުނީމަ ރައީސް މިހާރު ނިންމާފައި ވަނީ އަހަރެމެންގެ ސިފައިން އެގައުމަށް ފޮނުވަން، އެމީހުން ބޮޑަށް ސަމާލުކަން ދޭނީ މިސައިލް ހަމަލާތަކުންނާއި، ވައިގެ ހަމަލާތަކުން އެ ގައުމު ރައްކާތެރިކުރަން" އެސްޕާ ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުޙާނާ އަށް ދިން ހަމަލާ ތަކުގެ ޒިންމާ ޔަމަންގެ ހޫތީ ޖަމާޢަތުން ނަގާފައިވާއިރު އެމެރިކާ އަދި ސައުދީ އަރަބިއްޔާ އިން މި ހަމަލާތަކުގެ ތުހުމަތު ކުރަނީ ސީދާ އީރާނަށެވެ. ހަމަލާ ގައި ބޭނުންކުރި ޑްރޯންތައް ތައްޔާރު ކޮށްފައި ވަނީ އީރާނުގައި ކަމަށް ސައުދީން ބުނެއެވެ.

އެމެރިކާ ސިފައިން ސައުދީ ގައި ގާއިމު ވެގެން ތިބުމަކީ އިތުރަށް ހަމަނުޖެހުންތަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް މެދުއިރުމަތީީގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާއިން މިހާރުވެސް އެ ސަރަހައްދުގެ ދެ މުސްލިމް ގައުމެއް ސުންނާފަތި ކޮށްފިއެވެ. އެއީ އިރާޤާއި ސީރިއާ އެވެ. ސައުދީ އަރަބިއްޔާ އަކީ މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމަށް އޮތްއިރުވެސް އެޤައުމުގެ ވެރިންގެ ބައެއް ނިންމުންތަކާ އެކު ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުންގެ ކަންބޮޑުވުންތަކުގެ އަޑު ގަދަވެއެވެ.