އަވަށްޓެރި އިންޑިއާގެ ޤައުމީ އެއާލައިން ކަމުގައިވާ އެއާ އިންޑިއާގެ ދެ ފްލައިޓެއް ބާރުގަދަ ޓާބިއުލެންސްގައި ޖެހުމުގެ ސަބަބުން ބޯޓަށާއި ބައެއް ކެބިން ކުރޫ އަށް ގެއްލުންތަކެއް ވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި 172 ޕަސެންޖަރުންނާއި އެކު ވެރިރަށް ނިދު ދިއްލީ އިން ޓްރިވެންޑްރަމް އަށް ދަތުރު ކުރަމުން ދިޔަ އެއާބަސް އޭ321ގެ ފްލައިޓު ޓާބިއުލެންސްގައި ޖެހުމުގެ ސަބަބުން، ފްލައިޓު ޖެއްސުމާއި އެކު ލިބުނު ގެއްލުންތައް ބަލައި، އަލުން ހެދުމަށްޓަކައި އެ ފްލައިޓް ވަނީ ވަގުތުން ގްރައުންޑް ކޮށްލާފައެވެ. މިކަމުގެ ސަބަބުން އެ ފްލައިޓުން އަޅަން ހަމަޖެހިފައި އޮތް ރިޓާން ދަތުރު ވަނީ 9 ގަޑިއިރަށް ޑިލޭވެފައި ކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

އެއާ އިންޑިއާގެ ފްލައިޓް ޓާބިއުލެންސްގައި ޖެހުމުން ލިބިފައިވާ ބައެއް ގެއްލުންތައް

އިއްޔެ ހިނގި މި ހާދިޘާގައި ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާ އެއް ވެފައެއް ނުވެއެވެ. ނަމަވެސް، މި މަހުގެ 17ވަނަ ދުވަހު އެއާ އިންޑިއާ އިން ދިއްލީ އިން ވިޖަޔަވަޑަ އަށް އެޅި ދަތުރެއްގައި ފްލައިޓު ވަނީ ވަރަށް ބާރުގަދަ ޓާބިއުލެންސްގައި ޖެހިފައެވެ. އެ ފަހަރު ފްލައިޓުގެ ކެބިން ކުރޫ އިންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާއިރު ފްލައިޓައްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އިއްޔެގެ ހާދިޘާ އާއި އެކު މީސް މީޑިއާގައި މި ހަބަރުތަކުގެ އަޑުތައް ގަދަވުމާއި އެކު އެއާ އިންޑިއާ އިން ވަނީ މި މަސް ތެރޭގައި މި ދެ ހާދިޘާ ހިނގިކަމަށް އެއްބަސްވެ، އެއީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެފައެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު، ބައެއް ފޮޓޯތަކުން ކެބިން ކުރޫ އިން ފަރުވާ ހޯދަމުން ގެންދާ މަންޒަރު ފެންނައިރު، އަނެއް ފޮޓޯތަކުން ފްލައިޓުގެ ކެބިން ތެރޭގައި ޓްރޭ ތަކާއި ބައެއް ލަގެޖުތައްވެސް ވިއްސި ވިހާލިވެފައިވާ މަންޒަރު ފެނިގެންދެއެވެ.