އިންޑިއާގެ ދިފާއީ ވުޒާރާގެ ވެބްސައިޓް ހެކްކޮށްފިއެވެ.

އެ ވެބްސައިޓު ހެކްކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މިކަމުގެ ޚަބަރު ފެތުރުމާއިއެކު އިންޑިއާގެ ދިފާޢީ ވުޒާރާއިން ވަނީ ވެބްސައިޓު އެއްކޮށް ޑައުންކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އެޤައުމުގެ ސަރުކާރުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ވެބްސައިޓް ހެކްކުރުމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އިންޑިއާގެ ދިފާޢި ވުޒާރާގެ ވެބްސައިޓް މިއަދު ހެކްކޮށްފައިވާއިރު، މީގެ ތިން ހަފްތާއެއްހައި ދުވަސް ކުރިން އެޤައުމުގެ ޤައުމީ އެއަރލައިން، "އެއަރ އިންޑިއާ"ގެ ޓްވިޓަރ ހެންޑްލްވެސް ކެންސަލްކޮށްފައި ވެއެވެ. އެއަރ އިންޑިއާ ޓުވިޓަރ ހެންޑްލް ހެކްކުރީ، ތުރުކީގެ ހެކަރުންތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުގައި، އެޤައުމުގެ ދިފާޢީ ވުޒާރާގެ ވެބްސައިޓް ހެކްކުރުމަށްފަހު ވެބްސައިޓުން ފެންނަން ހުރީ ޗައިނާ ބަހުން ލިޔެފައިހުރި ލިއުންތަކެވެ. ނަމަވެސް އޭނގައި ވަނީ ކޮން ވާހަކަތަކެއް ކަމެއް ނޫސްތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

ވެބްސައިޓް ހެކްކުރުމަށްފަހު ޗައިނާ ބަހުން ލިޔެފައިވާ ލިއުންތަކެއް ވެބްސައިޓުން ފެނުނުނަމަވެސް، މި ޙަމަލާގެ ފަހަތުގައި ޗައިނާގެ އަތެއް ވާކަމަށް އަދި ބެލެވިފައެއް ނުވެއެވެ. މިއީ އެ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރު ކުރުމަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު