އަންނަ ނޮވެމްބަރ މަހު އޮންނަ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޔުނައިޓެޑް ނޭޝަން ޕާޓީ އިން ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ހައުސިން މިނިސްޓަރ ސަޖިތު ޕްރަމަދޭސަ ކަމަށް ނިންމައިފިއެވެ.

ޔުނައިޓެޑް ނޭޝަން ޕާޓީ އަކީ މިހާރު ލަންކާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ރަނިލް ވިކްރަމަ ސިންހަ ލީޑަރުކަން ކުރައްވާ ޕާޓީއެވެ.

ސަޖިތު އާއި ވާދަކުރާނީ ކުރީގެ ރައީސް ރާޖަޕަކްސްގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސައެވެ.

ސަޖިތު ރިޔާސީ ކެންޑިޑޭޓަކަށް ނެރެން ނިންމީ ޓެމްޕަލް ޓްރީގައި މިއަދު ހެނދުނުން ފެށިގެން ރަނިލް އާއި ޕާޓީގެ ސީނިއާ މެންބަރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަޖިތު ރިޔާސީ ކެންޑިޑޭޓަކަށް ނެރެން ހުށަހެޅީ ރަނިލްއެވެ.

ސަޖިތު އުފަންވެ ވަޑައިގެންނެވީ 1967 ވަނަ އަހަރު އެވެ. ޕްރައިމަރީ ތައުލީމް ގާސިލް ކުރެއްވީ ކޮލަމްބޯގެ އެސްޓީ.ތޯމަސް އެންޑް ރޯޔަލް ކޮލެޖުންނެވެ. އޭގެ ފަހުން ލަންޑަނުން ވެސް ތައުލީމް ހާސިލް ކުރެއްވިއެވެ.

އިޤުތިޞާދީ، ސިޔާސީ އަދި ހާރިޖީ ގުޅުންތަކާއި ބެހޭ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާ ގްރެޖްއޭޓްވެ ވަޑައިގެންނެވީ ޔުނިވަސިޓީ އޮފް ލަންޑަނުންނެވެ.

ސަޖިތު އަކީ ލަންކާގެ ކުރީގެ ރައީސް ޕްރަމަދޭސަގެ ދަރިކަލެކެވެ. ޕްރަމަދޭސަ 1993 ވަނަ އަހަރު އަވަހާރަކޮށްލީ ސަޖިތު ލަންޑަންގައި ހުންނަވަނިކޮށެވެ. ޖެހިގެން އައި އަހަރު އޮތް އާއްމު އިންތިޚާބުގައި ބައްޕަގެ ދާއިރާ ކަމަށްވާ ހަމްބަންޓޮޓާ ޑިސްޓްރިކްޓްގެ ގޮނޑި ކާމިޔާބު ކުރައްވާ އޭނާ ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެންނެވިއެވެ.

ބައްޕަގެ އުސޫލުތަކާއި އެއްގޮތައް ސަޖިތު އަކީވެސް އޭނާގެ ދާއިރާގެ ރައްޔިތުންނަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވަވާ ބޭފުޅެކެވެ. އެހެންކަމުން އެސަރަހައްދުގައި އޭނާގެ ތާއިދު ވަރަށް ބޮޑެވެ.

ސަޖިތު ވަޒީރުކަމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ މިއަދަކާއި ހަމައަށް ވެސް ހުންނެވީ މިނިސްޓަރ އޮފް ހައުސިން އެންޑް ކޮންސްޓްރަކްޝަންގެ މަގާމުގައެވެ.

ކުރިން ވެސް ލަފާ ކުރެވިފައި އޮތީ ރަނިލްގެ ޕާޓީ އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެނީ ސަޖިތު ކަމަށެވެ. ސަބަބަކީ އެޕާޓީގައި އެންމެ ބޮޑު ތާއީދެއް އޮތް އެއް ބޭފުޅަކީ އޭނާ ކަމަށް ވުމެވެ. ފަހަކަށް އައިސް ލަންކާގެ އިޤުތިޞާދަށް އައިސްފައިވާ ހީނަރުކަމާއި އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ޕާޓީގެ ލީޑަރު ރަނިލްގެ ތާއިދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު