އިސްރާއީލުގެ އަނިޔާވެރި ސިފައިން އިއްޔެ އެކަނި ވެސް ފަލަސްތީނުގެ 10 މީހުން ޝަހީދު ކޮއްލައިފިއެވެ.

ފަލަސްތީނުގައި އިއްޔެ ހުކުރު ނަމާދަށް ފަހު ކުރަމުންދާ މުޒާހަރާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ބަޑި ޖެހުމުން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ދިހައަކަށް އަރާފައިވާއިރު ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 1070 އަށް އަރާފައެވެ. އަދި ޝަހީދުވި މީހުންނާއި އެކު ފާއިތުވި ދެ ހުކުރުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ. މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް މިއަދު ވިދާޅުވީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިތަންތަން ފެންނަ އެމެރިކާ، އިންޑާ، އީޔޫ އަދި އިނގިރޭސި ވިލާތެއްނެތް. އެއީ ޔަހޫދީން މުސްލިމުންނަށް ދޭ އަނިޔާވީމަ. ނަމަވެސް މިތަނުގަ ހިނގާ ކޮންމެ ކަމަމަކަށް މިވެރިން އަތްބާނަނީ މިތަނަކީ މުސްލިމް ގައުމަކަށްވާތީ. ކުދިންނޭ އަދިވެސް ހޭއަރާކަށްނުވޭބާ؟؟،