ނައިޖީރިއާގެ ސްކޫލް އިމާރާތެއްގެ ތެރޭގައި ރަހީނުކޮށް ހިލިހިލާޖަހައި ބަންދުކޮށްފައި ތިބި 300 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި އެމީހުން ސަލާމަތްކޮށްފައި ވަނީ، ނައިޖީރިޔާގެ އަސްކަރީ ބާރުތަކުން އެޤައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކަދޫނާގައި މިއަދު ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ތިބިއިރު، އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ވަރަށް ބޮޑަށް ގެއްލުންދީފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި އެ މީހުން ބަންދުކޮށްފައި ވަނީ، ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ގްރޫޕަކުންނެވެ. މިއަދު ނައިޖީރިޔާގެ އަސްކަރިއްޔާއިން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި މިކަމާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް އެ ސްކޫލުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހުން ކަމަށް ވެއެވެ.

މި ކުދިން މިހާރު ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެކުދިންގެ ހާލާއި މެދު އަދި ރަސްމީ ފަރާތަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ނައިޖީރިއާގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤުކުރަމުން ދާއިރު، އެކަމާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ.

ނައިޖީރިއާ އަކީ ހަރުކަށި ފިކުރުގެ ގިނަ އަދަދެއްގެ ޖަމާޢަތްތައް ހަރަކާތްތެރިވާ ޤައުމެކެވެ.