މިދިޔަ ހަފްތާގައި އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަވަމުން އަންނަ، "ތޫފާން ލޮރެންޒޯ" އަކީ މިހާތަނަށް އެ ސަރަޙައްދުގައި އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.

ތޫފާން ލޮރެންޒޯއަކީ ފާއިތުވެދިޔަ ދެވަރަކަށް ހަފްތާގެ ތެރޭގައި އެޓްލާންޓިކް ކަނޑުގައި އުފެދުނު ބާރުގަދަ ހަތަރު ވަރަކަށް ތޫފާނުގެ ތެރެއިން ތޫފާނެކެވެ. އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފައިވާ ގޮތުގައި، މި ތޫފާން ދަނީ އަދިވެސް އިތުރަށް ބާރުގަދަވަމުންނެވެ.

އެންއޯއޭއޭ އިން ބުނެފައިވާ ގޮތުގައި މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "ތޫފާން ލޮރެންޒޯ" ގައި މިހާރު ގަޑިއަކު 145 މޭލަށް ދަނީ ވައިޖެހެމުންނެވެ. އަދި ކުރިޔަށް އޮތް ވަގުތުތަކުގައި މި ތޫފާނުގެ ބާރު އިތުރަށް ގަދަވެ ގަޑިއަކު 255 މޭލާއި ހަމައަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

މި ތޫފާނަކީ 1989 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގައި އުފެދުނު "ތޫފާން ގެބްރިއަލް" އަށްފަހު މިހާތަނަށް އެ ސަރަޙައްދުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނެވެ. މި ތޫފާނުގެ ނުރައްކާ ސަރަޙައްދީ ޤައުމަކަށް އަދި ކޮށްފައި ނުވާއިރު، ތޫފާން ދަތުރުކުރަމުންދާ ސަރަޙައްދާއި އެންމެ ގާތުގައި އޮތް ރަށާއި ތޫފާނާއި ދެމެދު 1055 މޭލު ހުރިކަމަށް އިދާރާތަކުން ބުނެއެވެ.

"ތޫފާން ލޮރެންޒޯ" މިހާރު ދަތުރުކުރަމުން ދަނީ ގަޑިއަކު 13 މޭލު ބާރުމިނުގައެވެ. އަދި ކުރިޔަށް އޮތް ފަސް ވަރަކަށް ދުވަސް ވަނދެން ތޫފާން އެޓްލާންޓިކް ކަނޑުގައި ދައުރުވަމުންދާނެ ކަމަށް ބެލެވިފައިވާއިރު، މިރޭ ތޫފާނުގެ ބާރު އިތުރަށް ގަދަވުމަށްފަހު ކުރިޔަށް އޮތް ދުވަސްތަކުގައި އެ ބާރު ދަށްވަމުންދާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. އެފަރާތްތަކުން ބުނާގޮތުގައި "ތޫފާން ލޮރެންޒޯ"ގެ ބާރު އިތުރަށް ގަދަވާނީ ކުރިޔަށް އޮތް 12 ގަޑިއިރާއި ހަމައަށް ކަމަށް ބެލެވޭ ކަމަށެވެ.

"ލޮރެންޒޯ"ގެ ނަމުން ނަންދެވިފައިވާ ތޫފާނެއް އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަވަމުންދާއިރު ދާއިދފަހުން އެ ކަނޑުގައި "ޑޯރިއަން"ގެ ނަމުން ނަންދެވުނު ބާރުގަދަ ތޫފާނެއްވެސް އުފެދިފައި ވެއެވެ. އެ ތޫފާނުގެ އަސަރު އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ވެސް ވަނީ ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ތޫފާނުގެ އަސަރުކުރި ކެރީބިއަންއަށް ތޫފާން އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.