އިންޑިއާ އިން ކަޝްމީރުގައި ހިންގަމުން ގެންދަނީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތަކެއް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގައި މިއަދު ތަޤުރީރު ކުރައްވަމުންނެވެ.

އިމްރާން ވިދާޅުވީ ކަޝްމީރުގެ ހާލަތު މިހާރު ވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، އަދި ކަޝްމީރުގެ ކާފިއު އުވާލުމާއި އެކު ކަޝްމީރުގެ ހާލަތު އިތުރަށް ގޯސްވެގެން ވެސް ދާނެ ކަމަށެވެ.

"އިންޑިއާގެ ނުވަލައްކަ ސިފައިން އެތިބީ ކަޝްމީރުގައި ކާފިއު ހިންގައިގެން ކަޝްމީރުގެ ހުރިހާ ރައްޔިތުން އިންސާނީ ހުރިހާ ޙައްޤަކުން މަހްރޫމް ކޮށްގެން. އަދި ކަޝްމީރުގެ ކާފިއު އުވާލުމަށް ފަހު ދެން އިންޑިއާ ސިފައިން ހިންގާނެ އަމަލުތައް މާނުރައްކާތެރި ވާނެ. ކާފިއު އުވާލުމަށް ފަހު ދެން ކުރާނީ ކޮންކަމެއްތޯ؟ ދެން އިންޑިއާ ސިފައިން ކުރާނެ ކަމަކީ ކަޝްމީރުގެ އާއްމުންގެ ގަޔަށް ބަޑި ޖަހާ މެރުން." އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން މިއަދު ވެސް ވަނީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އިން އަމަލު ކުރަމުން ގެންދާ ގޮތުން އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އިމްރާން ވިދާޅުވީ އެހަނގުރާމަ ފެށުމުގެ ޒިންމާ އުފުލަން ޖެހޭނީ އިންޑިއާ އިން ކަމަށެވެ.

ނިއުކްލިއާ ދެބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ވަނީ މިހާތަނަށް ކަޝްމީރުގެ މައްސަލައިގައި ތިން ހަނގުރާމައެއް ކޮށްފައެވެ. ކަޝްމީރަށް އިންޑިއާގެ ޤާނޫނުތަކުން ލިބިދޭ ހާއްސަ ބާރުތައް އުވާލަން އޮގަސްޓް މަހު އިންޑިއާ އިން ވަނީ ނިންމާފައެވެ. އެއާއިއެކު މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އދ.ގެ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން އިމްރާން ވަނީ ތިމާވެށީގެ މައްސަލަތަކައް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. އިމްރާން ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެންމެ ރަނގަޅު މަސައްކަތެއް ކުރެވޭނީ ބާރުގަދަ މުއްސަނދި ގައުމުތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކިޔާ

  ސާބަހޭ އިމްރާން ޚާން..ހަޤީޤީ މުސްލިމު ލީޑަރުންގެގޮތަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ހައްޤުބަސް ބުނަން ޖެހޭ ހިނދެއްގަ ބުނުން..އަދި ހައްޤަށް އަމަލުކުރުން.

  59
  1
 2. ޢުލާ

  ޙަޤީޤީ، މުސްލިމު، ލީޑަރެއް، ކަމަށް، ފެނޭ

  10
 3. އަޙްމަދު

  ލަވްޔޫ!