ފިލިޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އެޤައުމަށް އައި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.4 އަށް އަރާ ކަމަށް އިދާރާތަކުން ބުނެއެވެ. ނަމަވެސް ބިންހެލުންތައް މޮނީޓާކުރާ "ވޮލްކެނޯޑިސްކަވަރީ" އިން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ ބާރުމިން 6.5 އަށް އަރައެވެ.

މިއަދު މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ، ފިލިޕީންސްގެ އިރުދެކުނުން އެޤައުމުގެ ސަރަޙައްދުގައި އޮންނަ "ސެލެބްސް ސީ" ނަމަކަށްކިޔާ ކަނޑުގެ ސަރަޙައްދަކަށެވެ. މި ސަރަޙައްދަކީ ފިލިޕީންސްގެ ކޮޓާބަޓޯ ޕްރޮވިންސާއި 175 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެކެވެ.

މި ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ ގަޑިން މިއަދު ހެނދުނު 6.02 ހާއިރު އެވެ. މި ބިންހެލުމުގެ އަސަރު އެޤައުމުގެ ޖެނެރަލް ސެންޓޯސް ސިޓީ އަށާއި، ޑިގޯސް ސިޓީގެ އިތުރުން ޑެވައޯ ޑެލްސޫރަށް ވަނީ ކޮށްފައެވެ. ބިންހެލުމުގެ ބާރު ގަދަކަމުން މިއިން ބައެއް ހިސާބުތަކުގައި ހުރި އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ.

މި ބިންހެލުން އައިސްފައިވަނީ ބިމުގެ 89 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާއި ގުޅިގެން އަދި ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ.

މިއަދު އެޤައުމަށް އައި ބިންހެލުމަށްފަހު ބާރުގަދަ ލޮޅުންތައް (އާފްޓަޝޮކް) އެ ސަރަޙައްދަށް އަންނަމުންދާ ކަމަށް ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަބު

    ބިން ހެލުން ވަރަށް ގިނަވެއްޖެ