ސައުދީ އަރަބިއްޔާގެ އެތައް ހާސް ސިފައިންނެއް ހައްޔަރުކޮށްފައިވާ ކަމަށް ހޫތީ ހަނގުރާމަވެރިން ބުނާ ޚަބަރު ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދޮގުކޮށްފިއެވެ. ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން އިސްވެ އުފައްދާފައިވާ ކޯލިޝަނަކީ ހޫތީންނާއި ދެކޮޅަށް ހަމަލާތައް ދެމުން ގެންދާ ކޯލިޝަނެވެ.

ސައުދީ- ޔޫއޭއީ ކޯލިޝަންގެ ތަރުޖަމާން ކާނަލް ތުރުކީ އަލް-މަލްކީ ވިދާޅުވީ ސައުދީގެ އެތައް ހާސް ސިފައިންނެއް ހައްޔަރު ކުރެވިފައިވާ ކަމަށް ބުނެ ހޫތީން ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.

ކާނަލް ތުރުކީ ވިދާޅުވީ ހޫތީން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެމީހުން ބަލިކަށިވަމުން ދާތީ މީޑިއާ ކެމްޕޭނެއް ހިންގައިގެން ހަޤީޤަތް އޮޅުވާލަން ކަމަށެވެ.

ހަމައެކަނި މިދިޔަ ހަފްތާގައި ވެސް ސައުދީ – ޔޫއޭއީ ކޯލިޝަނުން ދިން ހަމަލާތަކުގައި ހޫތީންގެ 1500 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ކާނަލް ތުރުކީ ވިދާޅުވިއެވެ.

ހޫތީންގެ ވާހަކަތައް ސައުދީ ކޯލިޝަނުން ދޮގުކުރި ނަމަވެސް ހޫތީން ވަނީ ސައުދީގެ ސިފައިންނަށް ހަމަލާދޭ މަންޒަރުކަމަށް ބުނެ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ. އެވީޑިއޯގައި ވަރަށް ގިނަ އަސްކަރީ އުޅަނދުތައް އަނދައިގެންދާ މަންޒަރު ވެސް ފެނެއެވެ. އަދި ވަރަށް ގިނަ ބަޔަކު ސަފަކަށް ހިންގުވާފައި ގެންދާ މަންޒަރު ވެސް ފެނެއެވެ. ހޫތީން ބުނާ ގޮތުގައި ވީޑިއޯގައި ހިނގާފައިދާ މަންޒަރު އެފެންނަނީ ސައުދީގެ ސިފައިންނެވެ.

ހޫތީން ސައުދީގެ ސިފައިންތަކެއް ހައްޔަރުކުރި ޚަބަރު ހަނގުރާމަވެރިން އިއުލާން ކޮށްފައި ވަނީ އދ. މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަމަލާތައް ބަދަލު ކުރުން ހުއްޓާލަން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. އދ.އިން ކުރި މަޝްވަރާތަކުން ހޯމަ ދުވަހު ހޫތީންގެ ބަންދުގައި ތިބި 350 ގައިދީ އަކު ވަނީ މިނިވަން ވެސް ކޮށްފައެވެ. ހޫތީން ބުނާ ގޮތުގައި މިނިވަންކުރި މީހުންގެ ތެރޭގައި ސައުދީގެ ތިން މީހަކު ހިމެނެއެވެ.

ޔަމަންގެ ބައެއް ސަރަހައްދުތައް ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމުން ސައުދީ އިސްވެ އޮވެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަ ފެށިތާ މިހާރު ފަސް އަހަރު ވެއްޖެއެވެ.