ހޮންކޮންގުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަތާ އެތައް މަހެއް ވެފައި ވާއިރު، މުޒާހަރާ ހޫނުވެ، މުޅި ހޮންކޮންގު ނޫ ކުލައަށް ބަދަލުވެއްޖެއެވެ.

ހޮންކޮންގު ނޫ ކުލައަށް ބަދަލުވެފައި މިވަނީ މުޒަހަރާގެ ބައިވެރިން ކުރިއަށް ވުރެން ގަދައަށް ހަމަނުޖެހުންތައް ހިންގައި، ފުލުހުންނާއި ދިމާލަށް އަލިފާން ބޯޅަ އާއި ގާ އުކަން ފެށުމުން އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ހާއްސަ ފެނެއް ޖެހުމުންނެވެ.

ހޮންކޮންގު ނޫ ކުލައަށް ބަދަލު ވެފައި

ފުލުހުން ބޭނުންކުރި ފެންތެރެއަށް ނޫ ކުލައިގެ ކެމިކަލް އެއް އަޅާފައި ހުރުމުން އެ ފެންތައް ޖެހުނު ހުރިހާ ހިސާބެއް މިހާރު އޮތީ އެއްކޮށް ނޫ ކުލައަށް ބަދަލުވެފައެވެ. މިގޮތަށް ނޫ ކުލައިގެ ކެމިކަލް އާއި އެކު ފެން ޖަހާފައި މިވަނީ މުޒާހަރައިގެ ކުރީ ސަފުގައި ތިބެ ސަރުކާރު އިމާރާތެއްގެ ގޭޓު ފަޅާލައި، ފުލުހުންނަށް ހަމަލާ ދޭން އެތަނަށް އެއްވި މީހުން ހައްޔަރު ކުރަން ފަހުން ފަސޭހަވެގެން ދާނެތީއެވެ.

އެ ކެމިކަލް އަކީ ފަސޭހައިން ގައިން ފިލައިގެން ދާ އެއްޗެއް ކަމުގައި ނުވާއިރު، އޭތި ގަޔަށް ޖެހުމުން ވަރަށް ދިލަ ނަގައި، ހަންގަނޑު އަނދާ ކަމުގެ އިހްސާސު ކުރެވޭ ކަމަށް މުޒާހަރައިގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ހޮންކޮންގު މުޒާހަރައިގެ ބައިވެރިއެއް

އެ ގައުމުގައި މުޒާހަރާ ކުރުން މަނާކޮށްފައި ވީ ނަމަވެސް، އާއްމު ރައްޔިތުން މެދުކެނޑުމެއް ނެތި މަގުތައް މަތީ މުޒާހަރާ ކުރަމުންދާތާ މިހާރު ވަނީ 13 ހަފްތާ ވެގެން ގޮސްފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ހެދުން އަޅާހެން ތިބެ، އަމިއްލަ ޝީލްޑުތައްވެސް ހިފައިގެން ހަރަކާތްތެރި ވާއިރު، އަނެއް ބަޔަކު އުޅެނީ ކުޑަތައް ހުޅުވައިގެންނެވެ. މިއީ ފުލުހުން އުކާ ކަރުނަ ގޭހާއި އެނޫންވެސް އެއްޗެހިން ރައްކާތެރި ވުމަށްޓަކައެވެ.

މިއަދަކީ ކޮމިއުނިސްޓު ޗައިނާ އަށް 70 އަހަރު ފުރުން ފާހަގަ ކުރާ ދުވަސް ކަމުގައި ވާއިރު، މިއަދު އާއްމު ރައްޔިތުން ވަނީ ކުރިޔާއި ހިލާފަށް ގިނައިން މަގުތައް މައްޗައް ނިކުމެ، ހަމަލާތައް ވަރުގަދަ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްލީސް

    އެމެރިކާ މީހުން ތިބޭނެ ހިނި އައިސް އަތް ޖަހަން. ވަކިވަކި ކޮއްލާ ބައިބައި ކޮއްލުމަކީ އެމީހުން އެންމެ ކުރާހިއްވާ ކަންތައްތައް. އެމީހުން ބޭނުންވާ އޮޕްޓުނިޓީސް ތައް ލިބޭނީ އެހެންހަދައިގެން ކަމުގަ ވާތީ

    19