"ހިކާ" ތޫފާނުގެ ސަބަބުން އިންޑިއާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން އެގައުމުން 148 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތަކަށް މިހާރު 5 ދުވަސްވެއްޖެއެވެ. މިއީ މިފަހުގެ ތާރީޚެއްގައިވެސް އިންޑިއާއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އެއް ތޫފާނެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެގައުމުގެ އުތުރުގެ އުއްތަރު ޕްރަދޭޝްއާއި، ބިހާރް އަށެވެ. އުއްތަރު ޕްރަދޭޝް އިން އެކަނިވެސް 111 މީހުން ވަނީ މި ހާދިސާތަކުގައި މަރުވެފައެވެ.

ހިއްކާ ތޫފާނާއި ގުޅިގެން އިންޑިއާއަށް ވަނީ ރިކޯޑް މިންވަރަކަށް ވާރޭވެހިފައި ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއެވެ. އެގައުމުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ބުނާ ގޮތުން ޕަޓްނާ ސިޓީ އިން އެކަނިވެސް ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން 4000 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އެސިޓީގައި ބައެއް ހިސާބުތައް އޮތީ 4-3 ފޫޓުވަރަށް ފެންގަނޑު އަޑީގައެވެ. އެ ސިޓީގެ ގެތަކާއި، ހޮސްޕިޓަލް އަދި މަގުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އާއްމު ދިރިއުޅުން ވެސް ވަނީ ހުއްޓިފައެވެ. މިހާރުވެސް މީހުން ސަލާމަތް ކުރަން އުޅޭ 5 ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވަނީ މި ހާދިސާ އާއި ގުޅިގެން ބިހާރުގެ ޗީފް މިނިސްޓަަރާއި ބައްދަލުކޮށްފައެވެ. އެ ސަރަހައްދަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭން މޮޑީ ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން ދެއްވިއެވެ. އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ރާހޫލް ގާންދީ ވެސް ވަނީ މި ހާލަތުން އަރައިގަންނަން އެންމެން ގުޅިގެން މީހުން ސަލާމަތްކުރުމެގެ މަސައްކަތް ކުރަން އެއްބައިވުމަށް ގޮވާލައިފައެވެ.

ހިއްކާ ތޫފާން އިންޑިއާ އަށް އަރައިފައިވާއިރު، އަދި ހަފްތާއެއް ވަންދެން ތޫފާނުގެ އަސަރު އެގައުމަށް ކުރާނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އެ ތޫފާނުގެ މިސްރާބު ދެން ހުރީ އޮމާން އާއި ދިމާލަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލެ

    ހިއްކާ އަކީ ސައިކްލޯން އެއް. އެ ނިމުން ތާ މިހާރު ހަފްތާވީ....

  2. ހަމަހަމަ

    ކުޑަކޮށް ހީވެ ދިވެހި ނަމެއް ދީ ފަ އޮތް އެއްޗަކުން އެވަރުގެ ގެއްލުމެއް ލިބުނީމަ ޒާތަކަށް ފަހުރުވެރިވާ ބައެއް އުޅޭހެންވެސް.