އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވި، އެ ގައުމުގެ 'ބައްޕަ' ގެ ގޮތުގައި ގިނަ ބަޔަކު ދެކޭ، މަހާތުމާ ގާންދީގެ 150 ވަނަ އުފަންދުވަހާ ގުޅުވައިގެން އޭނާގެ ޝަރަފުގައި އެގައުމުގެ ރަސްމީ އެއާލައިން، އެއާ އިންޑިއާ އިން އެމީހުން ފްލައިޓެއްގައި ގާންދީގެ ފޮޓޯ ޖަހައިފިއެވެ.

ދިގު މިނުގައި 11 ފޫޓު، އަދި ފުޅާމިނުގައި 5 ފޫޓު ހުންނަ، މަހާތުމާ ގާންދީގެ ބޮޑު ތަސްވީރު އެއާ އިންޑިއާގެ އެއާބަސް އޭ 320 ފްލައިޓެއްގައި ބުދަ ދުވަހު ވަނީ ޖަހާފައެވެ. މި ފްލައިޓު މިއަދު ދަތުރުކުރަމަށް ހަމަޖެހިފައި ވަނީ ވެރިރަށް ނިއުދިއްލީ އިން މުމްބާއީ އާ ދޭތެރޭގައެވެ. އެގޮތުން އިންޑިއާ ގަޑިން މިއަދު 13:00 ގައި ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވެއެވެ.

މިކަމާ ގުޅިގެން އެއާ އިންޑިއާގެ ސްޕޯކްސްމަން، ދަނަންޖޭ ކުމާރު ބުނީ، "މަހާތުމާ ގާންދީގެ ތަސްވީރާއެކު ދާއިމީކޮށް ފްލައިޓެއް އޮޕަރޭޓު ކުރަން ފެށުމަކީ އެއާ އިންޑިއާ އަށް އޭނާ އަށްޓަކައި ކުރވޭނެ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ދެކެނީ، އެއީ އަދި އޭނާގެ 150 ވަނަ އުފަންދުވަހުގައި." އެއާލައިންގެ ފަރާތުން ލިބުނު އިރުޝާދުތަކާއި އެއްގޮތަށް ފްލައިޓުގައި މަހާތުމާ ގާންދީގެ ތަސްވީރު ޖެހުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެއާ އިންޑިއާގެ މެއިންޓަނެންސް ޓީމުންނެވެ.

މަހާތުމާ ގާންދީގެ އުފަންދުވަހާ ދިމާކޮށް އިންޑިއަން ރެއިލްވޭސް އިންވެސް ވަނީ އެމީހުންގެ 22 ރޭލެއްގައި ގާންދީގެ ފޮޓޯ ޖަހާފައެވެ. 02 އޮކްޓޯބަރު 1869 ގައި އުފަންވި މަހާތުމާ ގާންދީގެ ހަނދާނުގައި އިންޑިއާގެ ހުރިހާ ހިސާބުތަކެއްގައިވެސް މިއަދު އަންނަނީ އެކިއެކި ކަންތައްތައް ކުރަމުންނެވެ. މަހާތުމާ ގާންދީ މަޝްހޫރުވެފައި ވަނީ އެއްވެސް ހަތިޔާރެއް ބޭނުންކުރަން ހިތްވަރު ދިނުމަކާ ނުލާ، ދުލުގެ ބާރުން ބޮޑު އިސްތިޢުމާރުވެރިކަމެއް ނިމުމަކަށް ގެނެސްދެއްވި ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ.