އިންޑިއާއިން ޖައްމޫ އާއި ކަޝްމީރުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ގެންގުޅޭ ސިޔާސަތު ތަކާއި، އަޅަމުންދާ ފިޔަވަޅުތައް ސަޢުދީ އަރަބިއްޔާ އަށް "ވިސްނޭ" ކަމަށް އެގައުމުގެ ބާރުގަދަ އަމީރު، މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކުން ރިޕޯޓު ކުރާ ގޮތުގައި ޖައްމޫ އާއި ކަޝްމީރުގެ މަޝްރަޙާ ގުޅޭގޮތުން ސަޢުދީގެ ރައުޔު ހާމަކޮށްފައިވަނީ އިންޑިއާގެ ގައުމީ ސަލާމަތާބެހޭ އެޑްވައިޒަރު އަޖިތް ޑޮވާލް އާއި ސަލްމާން ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ބޭއްވި 2 ގަޑިއިރަށް ވުރެ ގިނަ އިރުވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.

އެ މަޝްވަރާތަކުގައި ޕާކިސްތާނުގެ ޖައްމޫ އާއި ކަޝްމީރުގައި އިންޑިއާ އިން ހިންގަމުންދާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައެވެ.

ސައުދީ އަމީރު ވަނީ އިންޑިއާއިން އެ މައްސަލައިގައި ގެންގުޅޭ ސިޔާސަތާއި، އަޅަމުންދާ ފިޔަވަޅުތައް ސަޢުދީ އަރަބިއްޔާ އަށް "ވިސްނޭ" ކަމަށް ވިދާޅުވެފައެވެ. މުހައްމަދު ބިން ސަލްމާން، ޖައްމޫ އާއި ކަޝްމީރުގެ މައްސަލައިގައި މި މޭރުމުން ވާހަކަ ދައްކާފައިވަނީ މެޖޯރިޓީ މުސްލިމުން ދިރިއުޅޭ ޕާކިސްތާނުގެ ރައީސް އިމްރާން ޚާން ސައުދީ އަރަބިއްޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯޑީ އައި ފަހުން އޭނާ ވަނީ ސައުދީ އަރަބިއްޔާ އާއި އެއްކޮށް ގާތް ގުޅުމެއް ގާއިމުކޮށްފައެވެ. ސަލާމަތީ ދާއިރާއިން ދެ ގައުމުގެ މެދުގައި ވަނީ ގާތްގުޅުމެއް އުފައްދާފައެވެ. އިންޑިއާގެ ސަލާމަތީ ވުޒާރާގެ އެޑްވައިޒަރުގެ ދަތުރާއި އެއްކޮށްވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ބެލެވެއެވެ. ސައުދީ އަރަބިއްޔާއިން ވަނީ އިންޑިއާގައި 100 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެކަންވެސް އިޢުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާޒާން

    އެ ވިސްނުމުގެ ހިތާމާގަ ހޮލިޑޭއައްގޮސް 30 މިލިޔަންޑޮލަރު ތަޅާލަނީވެސް.. އަދި ކޮންމެވެސް ގައުމެއްގެ ފަގީރުންތަކެއްގެ ބޮލައް ބޮންތަކުގެ ވާރޭވެއްސަނީވެސް އަދި އިންޑިޔާއާއި އެކު އެތަކެއް ބިލިޔަންޑޮލަރުގެ ވިޔަފާރި އެގުރީމެންޓުތަކުގަ ސޮއިކޮއް ފައިސާ އޮއްސާލަނީވެސް.

    18
    1
  2. އަލީ

    މާނައަކީ އިންޑިއާއިން ކުރާކަންކަން ރަނގަޅޭ ދޯ؟ ކުރިއަށް ގެންދާށޭ. ތި ސައޫދީގެ ސަރުކާރުގަ އެތިބީ ކޮންބައެއް؟ އިސްލާމީ ގައުމެކޭ ކިޔާތީ ލަދުގަނޭ.

    17
    1
  3. ދީމް

    ކަލޭއަށް ވިސްނޭލެއް ބޮޑުކަމުން ދޯ މުސްލިމުންނަށް އެއަނިޔާދޭއިރުގަ މޯޑީ އާއެކީ ހެވިފަ ބަލަންތިހުރީ. ހަގީގީ ލީޑަރުންނަކީ އިމްރާން ހާން މެންކަހަލަ މީހުން. އަހަރެމެން މިތިބީ ޕާކިސްތާން އަދި ޕާކިސްތާނުގެ ޖައްމޫ އާއި ކަޝްމީރާއި އެއްކޮށް. ޔާﷲ ކާފިރުން ބަލިކުރައްވައި ނިކަމެތި ކުރަށްވާންދޭވެ. އަދި މުސްލިމުންނަށް ނަޝްރާ ފަތަހަ ދެއްވާންދޭވެ. އާމީން

    18
  4. ބޭޑް އިމޭޖް

    ސައުދީއިން ޔަމަނުގެ މުސްލިމުންނަށް ކުރާ އަނިޔާ ވިސްނޭތަ؟ ތިއީ މިއުއްމަތުގެ އެންމެ ފަހުގެ ޚަލީފާވެރިކަން އުވާލުމުގައި ކާފިރުންނާއި އެކީ ބައިޢަތު ހިފައިގެން އުޅޭ ބޮޑެތި ޚިޔާނާތްތެރިން. ތިރަސްކަން ނިމި އަލުން ޚަލީފާވެރިކަން ގާއިމު ކުރެވިގެން ނޫނީ މިއުއްމަތަށް ކުރިއެރުމެއް ނެތް.

    15
    1