ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެ ގައުމުގެ ފުލުހުންގެ މައި މަރުކަޒު ތެރޭގައި 4 ފުލުހަކަށް ވަޅިން ހަމަލާދީ، މަރާލައިފިއެވެ. މި ހަމަލާތައް ދީފައި ވަނީ އެ މަރުކަޒު ތެރޭ އެޑްމިނިސްޓްރޭޓާ އެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން އައި މުވައްޒަފެކެވެ.

މި ހަމަލާތައް ދީފައި ވަނީ އެ މަރުކަޒުގެ އިންޓެލިޖެންސް ޑިޕާޓުމެންޓުގައި އެޑްމިން އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އެންމެ ފުރަތަމަ އޮފީސް ތެރޭ ހުރި ފުލުހަކު ވަޅިން މަރާލުމަށް ފަހު އޭނާ ވަނީ އެ މަރުކަޒު ތެރޭގައި ތިބި އިތުރު 3 ފުލުހަކު މަރާލައި، އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ. މިއާއިއެކު އޭނާ ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހާފައެވެ.

ފްރާންސުގެ ފުލުހުންތަކެއް މައި މަރުކަޒު ކައިރީ ފޯރި މަރަނީ

މި ހަމަލާތައް ދިނުމުގެ މަގުސަދެއް އަދި އެނގިފައި ނުވާއިރު، މިކަން ހިނގި ސަރަހައްދަށް ފްރާންސުގެ ޕްރައިމް މިނިސްޓަރާއި ސަރުކާރުގެ ބައެއް އިސް ވެރިންވެސް ޒިޔާރަތް ކޮށްފައި ވާއިރު، މިކަމާއި ގުޅިގެން އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ތާރީހުގައިވެސް ފުލުހުންނަށް އަމާޒުކޮށް ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާ ކަމަށް އެ ގައުމުގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން 2017ވަނަ އަހަރު މީހަކު ބަޑިން ދިން ހަމަލާ އެއްގައި ފުލުހަކު މަރުވި އިރު އޭގެ ކުރީ އަހަރު ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިސިސް އިން ވަނީ އެ ގައުމުގެ ފުލުހަކާއި، އެ މުވައްސަސާގައި އެޑްމިން އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އޭނާގެ އަންހެނުން މަރާލާފައެވެ. މިކަން ކޮށްފައި ވަނީ އެ ދެމަފިރިންގެ ދަރިފުޅުގެވެސް ކުރިމަތީގައެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްބިއުލާންސް ތަށްވެސް ވަނީ ޖަމާވެފައި

އެ ގައުމުގެ ފުލުހުން މިއަދު ދިން ހަމަލާތައް ވަރަށް ސީރިއަސް ކަމާއި އެކު ބަލަމުން އަންނައިރު، އެ ސަރަހައްދު އޮތީ އެއްކޮށް ބަންދު ކޮށްފައެވެ. އެއީ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ގޮސް އުޅޭ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.