ހޮންކޮންގުގައި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާތާ އެތައް މަހެއް ވެފައި ވާއިރު، މުޒާހަރާގެ ބައިވެރިން މާސްކު އަޅައިގެން މުޒާހަރާ އަށް ނިކުތުން މަނާ ކޮށްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ އެ ގައުމުގައި ސިލްސިލާ ގޮތެއްގައި ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުޅެދިފައި ވަނިކޮށެވެ.

އާއްމު ގޮތެއްގައި ގައުމުތަކުގެ ސަރުކާރުން މިގޮތަށް ކަންތައް ކުރަނީ މުޒާހަރާތައް މާބޮޑަށް ހޫނުވުމުންނެވެ. ހޮންކޮން ސަރުކާރުގެ އިސްވެރިން ކެބިނެޓު ބައްދަލުވުމެއް ބާއްވާފައި މިގޮތަށް ކަންތައް ކުރަން ނިންމުމާއި ގުޅިގެން އާއްމު ރައްޔިތުން ވަނީ މިކަމާއި ދެކޮޅަށްވެސް މުޒާހަރާތައް ކުރަން ފަށާފައެވެ.

މި ނިންމުމަށް އަމަލު ކުރަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން ކަމުގައި ވާއިރު، މާދަމާގެ ފަހުން މުޒާހަރާގައި މޫނު ނިވާކޮށްގެން ހުންނަ ކޮންމެ މީހަކަށް 1 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން 3100 އެމެރިކާ ޑޮލަރު ނުވަތަ 47،740 ދިވެހި ރުފިޔާގެ ބޮޑު ޖޫރިމަނާ އެއްވެސް ކުރާނެއެވެ.

މިހާރު މުޒާހަރާތަކަށް ނިކުންނަ އެންމެން ކަހަލަ ގޮތަކަށް މޫނު ނިވާކޮށްގެން ތިބޭއިރު، ބައެއް މީހުން ތިބެނީ ފުލުހުން ހެދުން އަޅާގޮތަށް އައްޑަނަ ތައްވެސް ހިފައިގެންކަން ފާހަގަކޮށްލެވެއެވެ/ ދާދި ފަހުން އެ ގައުމުގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކެމިކަލެއް ހިމެނޭ ފެނެއްވެސް މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ޖަހާފައެވެ. އެ ފެނަކީ ފަސޭހައިން ފިލައިގެން ދާ ފެނަކަށް ނުވާކަމުން ފުލުހުންނަށް ނޫ ކުލައިގައި ތިބޭ އެންމެން ހައްޔަރު ކުރެވޭނެއެވެ.

އެ ގައުމުގެ ސަރުކާރުން މޫނު ނިވާކޮށްގެން މުޒާހަރާ ކުރުން މަނާ ކުރި ކަމުގައި ވިޔަސް، ބެލެވޭ ގޮތުގައި ގިނަ ބަޔަކު އަދިވެސް މަގުތައް މައްޗައް ނިކުންނާނީ މޫނު ނިވާކޮށްގެންނެވެ.