އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ އެޤައުމުގެ އިދިކޮޅު ކެންޑިޑޭޓް، ބާނީ ސެންޑާސް އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފިއެވެ.

ނޫސްތައް ބުނާގޮތުގައި ހާޓްއެޓޭކެއް ޖެހިގެން، އުމުރުން 78 އަހަރުގެ ސެންޑާސް އަށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. ސެންޑާސް އަށް ފަރުވާދެމުން ދަނީ އެމެރިކާގެ ލަސް ވެގަސްގައި ހުންނަ ހިތުގެ ބަލިތަކުގެ ޚާއްސަ ހޮސްޕިޓަލެއްގައެވެ.

ސެންޑާސް އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުންދާއިރު، އޭނާގެ ރިޔާސީ ކެމްޕޭނުގެ ހުރިހާ ހަރަކާތެއް މިދިޔަ ހަފްތާގައި ވަނީ ކުއްލި ގޮތަކަށް މެދުކަނޑާލާފައެވެ. އެހެން ނަމަވެސް އޭރު އެއީ ކީއްވެގެން ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ސެންޑާސް އަށް ހާޓްއެޓޭކެއް ޖެހުނީ ލޭހޮޅިއެއް ފިތިގެން ކަމަށެވެ. މިކަމާއި ގުޅިގެން އޭނާގެ ހިތުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ސެންޑާސްއަށް ހާޓްއެޓޭކެއް ޖެހިގެން ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމުގެ ޚަބަރު ފެތުރިފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް އާއިލާގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ކެމްޕޭން ހަރަކާތްތަކާއި އަލުން ގުޅިވަޑައިގަންނަވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ސެންޑާސް އަކީ އެމެރިކާގެ ސެނެޓްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މެމްބަރެވެ.