އިރާޤުގައި މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުން 109 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމާއި، ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވުން ފަދަ މައްސަލަތަކާއި ގުޅިގެން އިރާޤުގެ ވެރިރަށް ބަޣުދާދުގައި މުޒާހަރާތައް ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. މިހާރު ބަޣުދާދުގެ އިތުރުން އެހެން ބައެއް ސިޓީތަކުގައި ވެސް މުޒާހަރާ ކުރިއަށް އެބަދެއެވެ.

"އޭޕީ" ނޫސްއެޖެންސީ އިން ބުނާ ގޮތުގައި މުޒާހަރާގައި މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާތައް ފެށިފަހުން އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އަށް ސިޔާސީ ޕާޓީއެއްގެ އޮފީހުގައި ވަނީ އަލިފާން ރޯކޮށް އަންދާލާފައެވެ. އަދި ސަރުކާރުގެ އިމާރާތްތަކާއި އަމިއްލަ މީހުންގެ އިމާރާތްތައް ވެސް ހިމެނޭ ގޮތައް ޖުމްލަ 51 އިމާރާތެއްގައި އަލިފާން ރޯކޮށް އަންދާލާފައި ވެއެވެ.

އިރާޤުގެ އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި މުޒާހަރާތައް ކޮންޓްރޯލް ކުރަން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ބަޑިއެއް ނުޖަހައެވެ. ނަމަވެސް މުޒާހަރާގައި ހަމަނުޖެހުން ހިންގާތީ މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދިނުމަށް ބަޑި ޖަހާފައި ވާނެ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

މިއީ އިރާޤުގެ ވެރިކަމުން 2003 ވަނަ އަހަރު ސައްދާމް ހުސައިން ދުރުކުރި ފަހުން އެގައުމުގައި ހިނގަމުންދާ އެންމެ ބޮޑު ސިޔާސީ ހަމަނުޖެހުމެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެމީހުންނަށް އިތުރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން އެމީހުން ތިބީ ތައްޔާރަށް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.