އެމެރިކާގެ ކެލިފޯނިއާގައި ގެއްލުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފާނެތީ އެ ސްޓޭޓުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑަމުން އެބަގެންދެއެވެ.

ކެލިފޯނިއާ އަށް މިހަފްތާގައި ގަދަ ވަޔާއެކު މޫސުން އާދަޔާ ޙިލާފަށް ގޯސްވާނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ބައެއް ގަޑިތަކުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެ ސްޓޭޓުގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ދެމުންދާ ކުންފުނި، 'ޕެސިފިކް ގޭސް އެންޑް އިލެކްޓްރިކް' (ޕީޖީއީ) އިން އެ ސްޓޭޓުގެ އުތުރުގެ ސަރަޙައްދުތަކުގެ ގެތަކުން ކަރަންޓު ކަނޑަން ފަށާފައިވަނީ މިއަދު ފަތިހުން ފެށިގެންނެވެ.

ކަރަންޓު ކަނޑާލުމުގެ މަސައްކަތުގެ ތެރެއިން އެ ސްޓޭޓުގެ 58 އަވަށަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާއިރު، 1 މިލިއަން ރައްޔިތުން ކަރަންޓާ ނުލާ އުޅެން ޖެހޭނެއެވެ. ނުރައްކާތެރި ހާލަތަކުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ޔުޓިލިޓީ ކުންފުނިތަކަށް ކަރަންޓު ކަނޑާލުމުގެ ބާރު އޮވެއެވެ. ކަރަންޓު ކަނޑާލުމުގެ ކުރިން ޕީޖީއީ އިން ވަނީ ކެލިފޯނިއާގެ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސް ބަޔާނެއް ނެރެފައެވެ.

ޕީޖީއީ އިން ކަރަންޓު ކަނޑާލުމަށް ނިންމި މައިގަނޑު ސަބަބަކީ މިރެއިން ފެށިގެން އާދަޔާއި ޙިލާފު ބާރުމިނުގައި ގަދަޔަށް ވައި ޖެހެމުންދާނެތީ އާއި، އެ ކަމަކީ އެ ސްޓޭޓުގެ ތާރީހުގައި ހިނގި އެންމެ ގެއްލުން ބޮޑު އަލިފާން ފެތުރުމަށް ދިމާވި މައިގަނޑު ސަބަބަށް ވާތީއެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންގެ ކަސްޓަމަރުންގެ ދިރިއުޅުން ކަރަންޓާއި ގުޅިފައި އޮތް މިންވަރު. ކަރަންޓު ކަނޑާލުމުން އެމީހުންނަށާއި، އާއިލާތަކަށް، ވިޔަފާރިތަކަށް އަދި މުޖުތަމަޢަށް ވެސް ކުރިމަތިވާނެ ދަތިތައް ވިސްނޭ. އަހަރެމެން ކަރަންޓު ކަނޑާލުމަށް ވިސްނާނީ ވެސް އޭގެ ސަބަބުން އާއްމުންނަށް ގެއްލުން ބޮޑު ހާދިސާތަކުން ރައްކާތެރި ކުރެވިދާނެ ފަދަ ހާލަތެއް މެދުވެރިވަންޔާ." ޕީޖީއީގެ ބަޔާނުގައި ވެއެވެ.

އުތުރު ކެލިފޯނިއާގައި ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ހިނގި އަލިފާނުގެ ގެއްލުން ބޮޑު 2 ހާދިސާ އަކީ އެ ސްޓޭޓުގެ މުޅި ތާރީޙުގައިވެސް ހިނގި އެންމެ ބޮޑު އަލިފާނުގެ 2 ހާދިސާ އެވެ. މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 85 މީހުން މަރުވެ، 14،000 ގެ އަނދާ އަޅިއަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު