ތުރުކީ ސިފައިން ސީރިއާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށާ، ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާތައް ދެމުން އެބަގެންދެއެވެ.

އޮޕަރޭޝަންގެ އެންމެ ބޮޑު އަމާޒަކީ ކުރުދީ ހަނގުރާމަވެރިން ކަމަށް ވީނަމަވެސް މިއޮޕަރޭޝަންގައި ސީރިއާގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވެސް ހަމަލާތައް ދޭނެ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެއެވެ.

ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވީ ތުރުކީ އިން ފެށި އަސްކަރީ އޮޕަރޭޝަންގެ މަޤުޞަދަކީ އެސަރަހައްދަށް ހަމަޖެހުމާއި އަމާންކަން ގެނައުން ކަމަށެވެ.

ތުރުކީ ސިފައިން މިއަދު ފުރަތަމަ ސީރިއާ އަށް ހަމަލާތައް ދީފައި ވަނީ ވައިގެ މަގުންނެވެ. އެހަމަލާތައް އަމާޒުވެފައި ވަނީ ކޮންތަަންތަނަކަށް ކަމެއް، އަދި ހަމަލާތަކުގައި މީހަކު މަރުވިކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ތުރުކީ އިން ވަނީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދު މަދަނީ ވައިގެ ދަތުރުތަކަށް މިހާރު ބަންދުކޮށްފައެވެ. އެއީ އަސްކަރީ އޮޕަރޭޝަން ކުރިއަށްދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ތުރުކީ އިން ބުނެއެވެ.

ތުރުކީ ސިފައިން ސީރިއާގެ ސަރަހައްދުތަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ސީރިއާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ތުރުކީން ބުނެފައި ވަނީ އަމާންކަން ގާއިމް ކުރަން ސީރިއާގެ ބަހެއް މުހިއްމު ނޫންކަމަށެވެ.

ކުރުދީ ހަނގުރާމަވެރިންގެ މައްސަލައަކީ ތުރުކީ އަށް ޒަމާނުއްސުރެ ބޮޑުވެފައިވާ މައްސަލައެކެވެ. ކުރުދީ ހަނގުރާމަވެރިން ބޭނުން ވަނީ ތުރުކީގެ އުތުރުގެ އެމީހުންގެ ވަކި ވެރިކަމެއް ގާއިމް ކުރަންށެވެ. އެސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީންގެ ޖަމާޢާތް ޕީކޭކޭ އަކީ ނިރުބުވެރި ޖަމާޢަތެއް ކަމަށް ތުރުކީގެ އިތުރުން އެމެރިކާ އާއި ނޭޓޯ އިން ވެސް ވަނީ ކަނޑައަޅާފައެވެ.